ރާއްޖޭގެ ތިން ސަރަޙައްދެއްގައި މިއަދު ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، އުތުރުން މި ވެކްސިން ޖަހަންފެށި ކުޅުދުއްފުށީ ސިޓީން، އެންމެ ފުރަތަމަ ވެކްސިން ޖެހީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަހްމަދު ދާއޫދެވެ.
ކޭއާރުއެޗްގެ މެނޭޖަރު ދާއޫދަށްފަހު، އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު މުހައްމަދު ފައިސަލް ވެކްސިން ޖަހާފައިވާއިރު، ހެލްތް ވޯކަރުންނަށާއި ނަރުހުން އަދި ލެބޯޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 30 މީހަކަށް މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުުދުއްފުށީ ސިޓީގައި މިއަދު ހެނދުނު 10:15 ގައި މި ވެކްސިން ދޭން ފަށާފައިވާއިރު، ވެކްސިން ދެމުން ގެންދަނީ އެ ސިޓީގެ ''އުފަން ހިޔަލުގަ'' އެވެ.
މިއަދު ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. އޭގެ ފަހުން ދެވަނައަށް ދިނީ އާރު އެން ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތެއް ކަމުގައިވާ އިބްރާހިމް ނަސީރަށެވެ.
ކުޅުދުއްފުށީ ސިޓީގައި މިއަދު ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ހަރަކާތުގެ ތެރެއިން
މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.
މިއަދު ރާއްޖޭގައި މި ވެކްސިން ދެމުން ތިން ސަރަހައްދެއްގައެވެ. އެ ސަރަހައްދު ތަކަކީ މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި އަދި ކުޅުދުއްފުށީގައި ސިޓީގައެވެ.
ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.
ކުޅުދުއްފުށީ ސިޓީގައި މިއަދު ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ހަރަކާތުގެ ތެރެއިން
ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!