އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ލެވޭގޮތަށް ހަމަޖައްސައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ މިހާރު މާލޭ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީ، ކުރިޔެކޭވެސް އެއްގޮތަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭގޮތަށް ހަމަޖައްސާފައި ވާކަމަށެވެ.

Ad
rt

އެހެންކަމުން އެކިއެކި ޚިދުމަތަށް އެދޭ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަވެފައި އޮތް ނަމަވެސް ޚިދުމަތް ފޯރޮކޮށްދޭ ހުރިހާ ފަރާތްތަކުންވެސް އެ މުއްދަތުގައި، އެފަދަ މީހުންނަށް ޚިދުމަތް ފޯރޮކޮށް ދެއްވުމަށް އެދޭ ކަމަށް ޑީއެންއާރުއިން ވަނީ އެދިފަ އެވެ.

''ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑު ބޭނުން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.''

ޑީއެންއާރުއިން ބުނެފަ ވެއެވެ.

ޑީއެންއާރުއިން މި ގޮތަށް ހަމަޖައްސާފައިވާއިރު، ކައުންސިލް އިންތިޚާބުގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާތީ، ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ މީހުން ފެބްރުއަރީ 8 ގެ ކުރިން ރަށްވެހިކަން ބަދަލުކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ނިންމާފައި މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އިންތިޚާބުގެ ކެމްޕެއިން ކުރަން އީސީން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ.