އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސް ކަމުގެ މަގާމް ތިންވަނަ ފަހަރަށް ސެއިޚް ޢިމްރާން ޢަބުދުﷲ ކާމިޔާބު ކުރަށްވައިފިއެވެ.
އޭޕީ އުފެދުނީއްސުރެ އެމަގާމް ފުރުއްވަމުން ގެންދަވާ، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އެ މަގާމު ދިފާއު ކުރެއްވީ މިއަދު ކުރިއަށް ދިޔަ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރާއި ވާދަ ކުރަށްވައެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ އެ އިންތިޚާބުގައި އިމްރާންގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު އަހްމަދު ޝަރީފެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ވާދަކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ.
މި އިންތިޚާބުގައި 921 ވޯޓު އިމްރާނާއި އޭނާގެ ނައިބު އަޙްމަދު ޝަރީފް އަށް ލިބިވަޑައިގެންނެވި އިރު، އަހުމަދު ޒާހިރުއާއި އޭނާގެ ނައިބު އަޙްމަދު ނަޝީދަށް 167 ވޯޓު ލިބިފައިވެއެވެ. އިމްރާން މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 84.65 އިންސައްތަ ވޯޓުންނެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެ ޕާޓީން ބުނީ 6866 މެންްބަރުންނަށް ކަމަށެވެ. ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ވަނީ 4556 މެންބަރުންނެވެ. އަދި މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 1088 މެންބަރުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ދީފައިވަނީ 27 ޖަނަވަރީ 2021ވީ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގެންފައިވާ އެ ޕާޓީގެ މެމްބަރުންނަށެވެ.
މި އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، އެ ފުރުޞަތު ވެސް ދިނެވެ. ނަމަވެސް އެ މަގާމަށް އެ ޕާޓީގެ އަންހެން ކަނބަލެއް ކުރިމައްޗެއް ނުލައްވައެވެ.
އޭޕީއަކީ މި ހާރު މިއޮތް ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ. މި ސަރުކާރުގެ ހޯމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ތަމްސީލް ކުރަނީ އޭޕީއަށް ނިސްބަތްވާ މިނިސްޓަރުންނެވެ. އަދި ބައެއް ކުންފުނި ތަކުގެ އެމްޑީންގެ ގޮތުގައި އެޕާޓީގެ މެންބަރުން ތިއްބެވިއިރު، ސަރުކާރުގެ އެކި ސިޔާސީ މަގާމްތަކުގައި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވިއެވެ. މީގެއިތުރުން ރައީސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވީ ވެސް އެ ޕާޓީއަށް ނިސްބަތްވާ ބެފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!