ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ބޭރުން އަންނަ އުޅަނދުތައް ވަދެ ގެއްލުންވާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޕީއޭއިން މިއަރު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4 ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޤަވާއިދާއި ޚިލާފަށް ވަންނަމުންދާތީ އެސަރަޙައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބޭކަން އެއޭޖެންސީއަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

Ad
rt

އީޕީއޭއިން ބުނީ މިސަރަޙައްދުތަކަށް ވަދެ ނިކުމެ އުޅުމާއި ބޭނުންކުރުމުގެ ވަކި މިންގަނޑުތަކެއް ވަނީ ޙިމާޔަތްކުރުމާއި ގުޅިގެން ކަނޑައަޅާ އިއްލާންކުރެވިފައިކަމަށެވެ.

މިސަރަޙައްދުތަކަށް ވަނުމުގެ ކުރިން މިއޭޖެންސީން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމާއި މި މިންގަނޑުތަކާއި ޢުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލްކުރުމަށް ލޯކަލްއޭޖެންޓުންނާއި ޓުއަރ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިއޭޖެންސީން އިލްތިމާސް ކުރަމެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ސަރަޙައްދުތައް ޙިމާޔަތްކުރެވިފައިވަނީ އެސަރަޙައްދުތަކުގެ ދިރުންތަކާއި މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.