މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ދާދި ގާތަށް ގޮސްފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.
މިގޮތުން މިހާރު ތާރު އަޅަންޖެހޭ ހުރިހައި މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒިބްރާ ކްރޮސިންގ ނިޝާން ޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި، މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުން ހިމެނެއެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!