މަސްތުގެ ހާލުގައި މަގުމަތީގައި ވެއްޓިފައި ތިބޭ މީހުންނާއި، މަސްތުގެ ހާލުގައި ވެއްޓެމުން ތެދުވަމުން ހިނގާ މީހުންނާއި، މަސްތުގެ ހާލުގައި ސައިކަލް ދުއްވާ މީހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ދަޢުރު ނުވި ނަމަވެސް އެ މަންޒަރުތަކަކީ މި ރާއްޖޭގައި މިހާރު ހަމަ އާންމު މަންޒަރު ތަކެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައެވެ.
މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވާ މިންވަރުން، އެ ބޭނުން ކުރާ މީހުންގެ އުނދަގޫ ސީދާގޮތުން ނުކުރާ އާއިލާއެއް މި ރާއްޖޭގައި މިހާރު މަދުވާނޭ ނުވަތަ ނެތޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އެކިއެކި ސަބަބުތަކާއި ހުރެ މަސްތުވާތަކެތީގެ މައްސަލަ މީޑިއާތަކަށް ތިލަވެ އެކަން ބޮޑުވެގެން ބަޔަކު އުޅެފާނެއެވެ. އެކަމުގެ އަޑު ގަދަވެގެން ވެސް ހިނގައިދާނެއެވެ. އެހާއަވަހަށް އެ އަޑު ކެނޑިގެން ވެސް ދެއެވެ. ހައްލެއް ނުލިބޭ ކަމެއްގައި ކަމާނުބެހޭ އާންމުން ރުޅިގަދަވެގެން ކޮމެންޓް ކުރިޔަސް ކުރެވޭނެ ކަމެއް ވެސް ނޯވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިމާކޮށްލާފައި ފުއްދާލީމާ އެ ނިމުނީއެވެ.
މިޔަދު ސޯޝަލް މީޑިއާގައި އަނެއްކާ ވެސް މަސްތުވާ ތަކެތީގެ އަޑު ގަދަވެގެން ގޮއްސިއެވެ. "ހޭންޑްސް ޓްގެދަރ" ކިޔާ ޖަމްޢިޔާއަކުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކެއްގެ ސަބަބުންނެވެ. ފޮޓޯތަކުން ފެނިގެން ގޮސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލޭގައި ހުންނަ މެޓްރޯ ބިލްޑިންގް ގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ތަކެކެވެ. ކުނިގޮނޑެއްގެ ސިފާގައި ފެންނަން އޮތް އެތަނުގައި ގިނަ އަދަދެއްގެ ޒުވާނުން ނިދާފައިތިބި މަންޒަރެވެ. އެ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި ކާނެގޮތެއް، ބޯނެގޮތެއް އަދި ފާހާނާ ކުރާނެ ގޮތެއްނެތި މި އިމާރާތުގައި ފަންސާހަކަށް މީހުން އުޅެމުން ގެންދާ ކަމަށެވެ.

މި މަންޒަރުތައް ވައިރަލްވުމާއި ގުޅިގެން ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން އައިތަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް ގުޅިގެން ނޫސް ބަޔާނެއް ވެސް ނެރުންތަން ވަނީ ފެނިގެން ގޮސްފައެވެ.
"ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެ ތަނަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ޒިޔާރަތްކޮށް، ފަރުވާ ބޭނުންވާ ތިން މީހަކު ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ޤާއިމު ކުރެވިފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައެވެ. އަދި މި ޢިމާރާތް ސާފުކުރުމުގެ މަސައްކަތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އަންނަނީ އެހީތެރިކަން ދެއްވަމުންނެވެ."
މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް ގުޅިގެން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
ތެދެކެވެ. ވެމްކޯއިން އެތަން ސާފު ކޮށްފިއެވެ. އެތަނުގައި ތިބި ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ލިބޭނޭ އިންތިޒާމް ވެސް ސަރުކާރުން ހަމަޖައްސައިފިއެވެ. އެ ނިމުނީ ހެއްޔެވެ. މި މައްސަލާގެ އަސްލު ކޮބައި ހެއްޔެވެ. މިކަން މިފަދަ ގޮތަކަށް ފެންމަތިވުމުން އަސްލު މައްސަލަ އޮތްތާގައި ބާއްވާފައި މިހެން މަތިމަތިން ހަމަޖައްސައި ލުމުން އެކަން ހައްލު ލިބުނީ ކަމުގައި ދެކެންވީ ހެއްޔެވެ.
ވައްކަން ކުރުމާއި މަގުފޭރުމާއި މާރާމާރީ ފަދަ އެތަށް ކުށަކުން މުޖުތަމަޢު ފުރި ބާރުވެފައިވާއިރު މިފަދަ ހުރިހާ ކުށެއްގެ ބައްޕަ އަކީ މަސްތުވާ ތަކެތިކަން ނުދަންނަ މީހަކު ނެތެވެ. ވެރިކަމަށް އައި ހުރިހާ ސަރުކާރަކުން ވެސް މިކަން ހައްލު ކުރާނެ ކަމުގެ ޔަޤީން ކަން ވެސް ދިނެވެ. ހައްލު ނުވަނީ ކީއްވެ ހެއްޔެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވެސް އެތައް ޕޯޑިއަމެއްގައި މި މައްސަލައާއި ގުޅުންހުރި އުންމީދީ ވާހަކަފުޅުތަކެއް ވަނީ ދައްކަވާފައެވެ. 2019 ވަނަ އަހަރު ސެޕްޓެމްބަރ މަހު ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އޯޕަންޑޭ ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާން ވިދާޅުވެފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ ދޮރުތައް ބަންދު ކުރައްވާނެ ކަމަށެވެ.
މަސްތުވާ ތަކެތި އެތެރެ ކުރާ މީހުން އެކަން ކުރަނީ ޤައުމުގައި ތިބި ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކެއްގެ ނިވަލުގައި ތިބެކަމަށް ވަރަށް ގިނަ ބަޔަކު އަބަދު ވެސް ތުހުމަތު ކުރަމުން ގެންދެއެވެ. އެއީ ހަޤީޤަތެއްވާ ބުނުމެއްކަމުގެ ހެކި ލިބޭ އެއް ސަބަބަކީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ ހަތަރުވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓުންނެވެ.
އޮކްޓޯބަރ ތިންވަނަ ދުވަހު އައްޑޫއިން 88 ކިލޯ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަތް އެ ދަނޑިވަޅުގައި އެ މަނިކުފާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ،" ކަމަށެވެ. އޭގެން ދަލީލު ކުރަނީ ޤައުމުގައި މަސްތުވާތަކެތި ސަޕުލައި ވުމުގައި ސިޔާސީ ބައެއްގެ ނުފޫޒު އެކި ދުވަސްވަރުގެ މަތިން އެކި މިންވަރަށް އޮތް ނުވަތަ އޮންނަ ކަމެވެ.
ދެން އޮތް ސުވާލަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި ސަރުކާރު ތަކުގެ އިހުލާސްތެރިކަން އެބަ އޮތްތޯއެވެ؟ އޮތްނަމަ ހައްލު ނުވަނީ ކީއްވެ ތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!