ﷲ ތަޢާލާ އިންސާނާ އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، އަތް ފަޔާއި އެނޫންވެސް އެހެން ހުރިހާ ގުނަވަންތަކެއް އިންސާނާގެ ހަށިގަނޑުގައި ލައްވަވާފައިވަނީ، އެނިޢުމަތްތަކަށް ޝުކުރުވެރިވެ އެހުރިހާ ގުނަވަނަކުން އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް، ހުއްދަގޮތުގައި އެގުނަވަންތަކުން ހިތްހަމަޖެހުމާއި އުފަލާއި މަޖާ ލިބިގަތުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި ޙަރާމް ޙަލާލެއް ބެލުމެއް ނެތި ހިތުހުރިހާ ގޮތަކަށް އެގުނަވަންތަކުގެ ބޭނުން ހިފުމަކަށް ނޫނެވެ.
ފާހިޝް ކަންތައްތަކުގެ މަންޒަރުކާއި ވާހަކަތައް، ނޫސް މަޖައްލާތަކާއި، ވެބްސައިޓްތަކާއި ޓީވީ ރޭޑިއޯ ތަކުން ފޮނުވާ ހަދާ މީހުން އެކުރާ ކަންތަކުގެ ނުބައިކަންތައް މަގެއްގެ މަތީގައި މީހަކު ކުރާ ނުބައި ކަމަކަށް ވުރެ ބޮޑުވެގެން ވެއެވެ.
އެހެނީ މަގެއްގެ މަތީގައި މީހަކު ކުރާ ނުބައިކަމެއް ފެންނާނީ އެވަގުތު އެތަނުގައި ތިބި ބަޔަކަށް އެކަންޏެވެ. އެހެންނަމަވެސް މީޑިއާގެ އެކިއެކި ވަޞީލަތްތަކުން މިކަންކަން ފަތުރާ ހަދާ މީހުން، އެކުރާ ފާފައިގެ ސަބަބުން އެކަކަމަކީ މުޅި ޢުމުރަށް ރައްކާކުރެވި، މީސްތަކުން އެނުބައި ކަންކަން ބަލާ އަޑުއަހައި އެކަންކަމަށް އަރައިގަތުމަށް މަގު ފަހިވެގެންދާ ކަންކަމެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآخِرَةِ" (النور: 19)
"ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުއްޓެވެ."
رسول الله صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
قال رسول الله صلى الله عليه وسلم: "إِنَّ الرَّجُلَ لَيَتَكَلَّمُ بِالكَلِمَةِ لاَ يَرَى بِهَا بَأْسًا يَهْوِي بِهَا سَبْعِينَ خَرِيفًا فِي النَّارِ" (رواه الترمذي: 2314).
މާނައަކީ: "ހަމަކަށަވަރުން މީހަކު، މާބޮޑު ކަމެއް ކަމެއްކަމުގައި ނުދެކި ބުނެލާ ކަލިމައެއް (ނުވަތަ ބަހެއްގެ) ސަބަބުން ހަތްދިހަ (70) އަހަރުވަންދެން އެމީހަކު ނަރަކައަށް ވެއްޓިވެއްޓި އޮންނަން ޖެހިދާނެއެވެ."
ފާޙިޝް ކަންތައް ކޮށް އެކަންތަކާ ފަޚުރުވެރިވެ އެވާހަކަތައް މީހުންގާތު ދެއްކުމުގެ ނުބައިކަން.
ބައެއް މީހުން ތިމާމެން ކޮށްއުޅޭ ފާޙިޝް ވިޔާނުދާ ހަޑިމުޑުދާރު ކަންކަމުގެ ވާހަކަ، ވަރަށް ފަޚުރުވެރިވެލާފައި، ވަރަށް ފޮނިވެލާފައި މީހުން ގާތު ދައްކައި އުޅެއެވެ. ފަހެ މިއީ ކިހާ ނުރައްކާ ކަމެއްކަން ހަމަ އެމީސްމީހުންނަށް ނޭނގެނީ ބާއެވެ؟
ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"كُلُّ أُمَّتِي مُعَافًى إِلاَّ الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ" (رواه البخاري)
މާނައީ: "ތިމަންކަލޭގެ ފާނުގެ އުންމަތުގެ ތެރެއިން، ތިމާ ކުރާ ފާފަތައް ފާޅުކޮށް އިޢުލާނުކުރާ މީހުން ނޫން އެެހެން އެންމެންނަކީ ޢަފޫ ލިބެނިވި ބައެކެވެ. މީހަކު ރޭގަނޑުގައި ކުރާ ނުބައިކަމެއް ﷲ ތަޢާލާ ސިއްރު ކޮށްދެއްވާފައި ވަނިކޮށް، ހެނދުނު ވުމުން އޭނާ އެހެން މީހެއް ގާތު، އޭ އެވެނި މީހާއޭ، ތިމަން ރޭގައި މިވެނި އެވެނި ކަމެއް ކުރީމޭ ކިޔައި އުޅުމަކީ ހަމަކަށަވަރުން ފާފަތައް ފާޅުކޮށް އިޢުލާނުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭނާ ރޭގަނޑު ނިދީ އޭނާ ކުރި ނުބައި ކަންތައް އޭނާގެ ރައްބު ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައި ވަނިކޮށެވެ. އެހެނެއްކަމަކު އޭނާ ހެނދުނުވުމުން، ﷲ ތަޢާލާ އޭނާގެ ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައިވާ އެކަންތައް، އަމިއްލައަށް ބޭޒާރުކޮށް ފަޅާއަރުވާލައެވެ."
އާދެ މީހާ މިގޮތަށް ކުރާ ފާޙިޝް އަދި ޙަރާމް ކަންތައްތަކާއިމެދު ފަޚުރުވެރިވެ އެވާހަކަތައް ދައްކާ އުޅުމަކީ އެމީހަކު ދީނުންވެސް ބޭރުވެގެން ހިނގައިދާނޭ ވަރުގެ ކަމެކެވެ. މިކަން ބަޔާން ކުރައްވަވާ އިސްލާމީ އުންމަތުގެ މިފަހު އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެއް ބޭކަލަކު ކަމުގައިވާ، އައްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން، އިމާމް އައްނަވަވީގެ މަޝްހޫރު ފޮތް ރިޔާޟުއް ޞާލިޙީންގެ ޝަރަޙައިގައި، މަތީގައި ބަޔާން ކުރެވިފައިވާ ޙަދީޘްގެ ޝަރަހައިގާ ބަޔާން ކުރައްވާފައިވެއެވެ.
"(އޭގެ ތެރޭގައި) ތިންވަނަ ބައެއްވެސް ވެއެވެ. އެއީ ފާސިޤު ނުބައިނުލަފާ، ޙަޔާތް ކުޑަ މީހުންނެވެ. އެމީހުން ޒިނޭ ކުރިކަމުގެ ވާހަކަ ފަޚުރުވެރިކަމާއި އެކު ދައްކާއުޅެތެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. އެމީހުން ފަޚުރުވެރި ކަމާއިއެކު ބުނެ އުޅެތެވެ. އޭނާ މިވެނި މީހެއްގެ އެވެނި މީހެއްގެ ރަށަށް ނުވަތަ ޤައުމަށް ދިޔައެވެ. އޭނާ އެތަނަށްގޮސް އެތައް އަންހެނުންނަކާއި އެކު ޒިނޭގެ އެފާޙިޝް ޢަމަލު ހިންގިއެވެ. މިފަދަ މީހުންނަށް ތައުބާވެ (ދީނަށް އެނބުރި ރުޖޫޢަވުމަށް) އެންގުން ވާޖިބު ވެގެން ވެއެވެ. ތައުބާ ވެއްޖެއްޔާ ރަނގަޅެވެ. އެހެން ނޫންނަމަ އޭނާ ޤަތުލު ކުރެވޭ ހުއްޓެވެ. އެހެނީ އޭނާ ޒިނޭކުރި ކަމަށް އެފަޚުރުވެރިވާ ޙާލުގައި އޭނާ ޒިނޭ ކުރުން އެހުއްދަ ކުރަނީއެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. ހަމަކަށަވަރުން ޒިނޭ ހުއްދަކޮށްފި މީހަކީ ކާފަރުވެފައިވާ މީހެކެވެ." (شرح رياض الصالحين للشيخ عثيمين:1 / 116)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!