ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން ތ.ތިމަރަފުއްޓާއި މާލެއާއި އަދި ކަނޑުމަތީގައި ހިނގި ހާއްސަ އޮޕަރޭޝަންގައި 11 ނޮވެމްބަރ 2020 ގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަށް މީހުންގެ ތެރެއިން 6 މީހެކެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުޤީޤަށް ފަހު ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިން މި މައްސަލައާއި ގުޅުންހުރި އިތުރު 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލައިގެ މަޢުލޫމާތި ހިއްސާ ކުރުމަށް ފުލުހުން މިއަދު އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި، މި މައްސަލާގައި ހައްޔަރު ކޮށްފައިވާ 8 މީހުންގެ މަޢުލޫމާތު ވެސް ވަނީ އާންމު ކޮށްފައެވެ. މި 8 މީހުންނަކީ އަބްދުﷲ ޝަރީފް / ތިމަރަފުށި، އަޙްސަން މުހައްމަދު / ތިމަރަފުށި، އަލީ މުނީޒު / ތިމަރަފުށި، މުޙައްމަދު އާޞިރު / ތިމަރަފުށި، އަލީ އަރުހަމް މުހައްމަދު / ކަނދޮޅުދޫ/ ޝަމާހު ޝަރީފް / ތިމަރަފުށި، އިބްރާހީމް ލޫޠު / ކުޑަފަރި، އަބްދުﷲ އިމާދު / މަޑުއްވަރި އެވެ. މި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 25 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުއެވެ.
މި 8 މީހުންގެ ތެރެއިން އަހްސަން މުޙައްމަދާއި އަލީ މުނީޒަކީ ތަފާތު އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
ފުލުހުން މި މައްސަލާގެ މަޢުލޫމާތު ހިއްސާކޮށް ނެރެފައިވާ ބަޔާނުގައި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބިފައިވާ ބައެއް މަޢުލޫމާތު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޚޮރާޝާން ޕްރޮވިންސް ގެފަރާތުން އަމީރެއްގެ ގޮތުގައި ތިމަރަފުށީ އަބްދުﷲ ޝަރީފް އައްޔަނު ކުރައްވާފައިވާ ކަމަށާއި އަދި ހަރުކަށި ފިކުރުގެ ފަރާތްތަކުން އޮޕަރޭޓް ކުރަމުން ދާ ދޯންޏެއް ކަމުގައިވާ "ނަސާޙް-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަށް ބޭނުންވާ ސާމާނު އެއްކޮށް އެ ދޯނީގައި އައިއީޑީ އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިގެން ދިޔަ ކަމުގައި އެ ބަޔާނުގައި ވެއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ހިތްވަރު ލިބިގަނެފައިވަނީ އިސްލާމިކް ސްޓޭޓްގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް ދީފައިވާ މެސެޖަކާއި ގުޅިގެން ކަމަށާއި، އެ މެސެޖުގައި ބުނެފައިވަނީ ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ކަމަށްވާނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިޔުން ވަނީ ތިޔަބައި މީހުންގެ ކުރިމަތީގައި ކަމަށާއި، އެބައި މީހުން ޤަތުލު ކުރުމަށާއި، ދަންޖެއްސުމަށާއި، ޗިސްޗިސް ކޮށްލުމަށާއި އަދި އަންދާލުމަށް އެ މެސެޖުގައި ބުނެފައިވާ ކަމުގައި ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އިސްލާމިކް ސްޓޭޓްގެ މެސެޖުން ހިތްވަރު ލިބިގަނެ ފާއިތުވި އަހަރު ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެ ސްކޫލުގެ ލެބޯޓްރީ ގޮއްވާލުމަށް ރާވާފައިވާ ކަމަށާއި، އަދި ހަމަ އެ ދުވަސްވަރު އެ ސްކޫލުގެ ލެބޯޓްރގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމުގައި ފުލުހުންގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން މި މައްސަލާގައި ޝާމިލްވާ ބައެއް މީހުންގެ ފޯނުން މިކަމާއި ގުޅުންހުރި ބައެއް ލިޔުންތަކާއި އަދި މި މައްސަލާގައި ތިމަރަފުށިން ބަލާ ފާސްކުރި ގެތަކުންނާއި މި މައްސަލާގައި ފުލިހުންގެ ބެލުމުގެ ދަށަށް ގެނެވުނު ދޯނިން، މި މައްސަލައާއި ގުޅުންހުރި ހެކިތައް ވެސް ފެނިފައިވާ ކަމުގައި ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުގެ މަޤުޞަދަކީ ރާއްޖޭގައި އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު އުފެއްދުން ކަމަށާއި، މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ކުޑަކުދިންނާއި ޒުވާނުން ހައްލާލައި އެ ކުދިންގެ ބޮލައްއެރި އެ ބަޔަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމާއި ގުޅިގެން ބައެއް އާއިލާތަކުގެ ގުޅުމަށް ވެސް އަސަރު ކޮށްފައިވާ ކަމަށާއި، އަދި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރެމުންދާ ކަމުގައި ފުލުހުންގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!