"އަހަރެން މާލޭގައި ދިރިއުޅެނީ އެ ނޫން ގޮތެއް ނެތީމައެވެ." މިއީ ވަރަށް ގިނައިން އަޑު އިވޭ ޖުމްލައެކެވެ. ރަނގަޅު ވާހަކައެކެވެ. ޤަބޫލުވެސް ކުރަމެވެ.

ނަމަވެސް އެންމެންގެ މިސްރާބު ހުރިހައި ގޮތަކުން ވެސް ބޮއްސުން ލާފައި އޮތް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފަރުދީ ގޮތެއްގައި މިވަނީ ވިސްނަން ޖެހިފައެވެ. މަސައްކަތް ކުރަން ޖެހިފައެވެ. ސިޔާސީ ހޮޅި ވަޢުދުތަކުން އުފެދިގެން އަންނަ ވެރިކަމުގެ ތެރެއިން ހައްލު ހޯދައިދޭނެ ކަމުގައި ޤަބޫލުކޮށްގެން މާލޭގައި ގަނޑަތެޅި އުމުރު ހުސްކޮށްލުމުގެ ކުރިން ތަފާތު ވިސްނުމާއި ދިމާއަށް މިސްރާބު ކުރަން މިވަނީ ޖެހިފައެވެ.

Ad
rt

އުޅެ ބޮޑުވީ އަމިއްލަ ރަށުގައެވެ. ގުދުރަތީ ވެށީގެ ތެރޭގައި ތާޒާ ވައި ލިބިގެންނެވެ. ރަށުގައި ހިތްގައިމު އަތިރި މައްޗާއި ރީތި ނޫވިލު ހިމެނޭ މޫދު އޮވެއެވެ. އެހާ ހިތްގައިމު މާހައުލެކެވެ. ކިޔެވީ ވެސް އަމިއްލަ ރަށުގައެވެ. ރާއްޖޭގެ ފެންވަރުގެ އެންމެ ރަނގަޅު ނަތީޖާ އޯލެވެލް އަދި އޭ ލެވެލްގައި ވެސް ހޯދީ ރަށުގެ މަދަރުސާއިން ކިޔަވައިގެންނެވެ. ޤައުމީ ފެންވަރުގެ ނަތީޖާއާއި ބައިނަލްއަޤުވާމީ ފެންވަރުގެ ނަތީޖާއެވެ. އިތުރަށް ކިޔަވަން ބޭނުން ނަމަ އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުތައް ގިނަގުނައެވެ. އަތޮޅުތެރޭގެ އެކިހިސާބު ތަކުގައި އެކި ކޮލެޖްތަކުގެ ޔުނިވާސިޓީތައް ވެސް މިހާރު އެބަހުއްޓެވެ.

ރަށުގައި ޖާގައިގެ ގޮތުން ތަނަވަސް އެހާމެ ހިތްގައިމު އަމިއްލަ ގެދޮރު އެބަހުއްޓެވެ. އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހެއެވެ. ސައުވީސް ގަޑިއިރު ކަރަންޓް ލިބެއެވެ. ފޯނުގެ ޚިދުމަތާއި އިނޓަނެޓްގެ ޚިދުމަތް ވެސް ލިބެއެވެ. ބޯން ވާރޭ ފެން އަދި ފެންވަރަން ކަމުދާ ފެން އެއްވެސް އަގަކާއި ނުލާ ލިބެން ހުރެއެވެ.

އިއްޔެއާއި ޚިލާފަށް މިއަދު ހެލްތު ޕޯސްޓެއް ނުވަތަ ސިއްހީ މަރުކަޒެއް ނެތް ރަށެއް ނެތެވެ. ބޭނުންވާ ހުރިހާ ބޭހެއް ނުލިބުނު ނަމަވެސް އާންމު ބެސްތައް ލިބޭ ބޭސްފިހާރައެއް ކޮންމެ ރަށެއްގައި އެބަހުއްޓެވެ. އަތޮޅު ހޮސްޕިޓަލު ނެތް އަތޮޅެއް ނެތެވެ. ފެރީގެ ނިޒާމްގެ ތެރެއިން އެއްރަށް އަނެއް ރަށާއި ގުޅާލެވިފައި ވުމުން ސިއްހީ ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދިއުމަކީ ވެސް ކުރިއާއި އަޅާ ބަލާއިރު މިހާރު ފަސޭހަ ކަމެކެވެ. ހުރިހާ އަތޮޅެއްގައި ހެން އެއާޕޯޓް އެބައޮތެވެ. ކުއްލިއަކަށް މާލެ ދާން ޖެހުނަސް ފުރައިގެން މާލެ ދިއުމަކީ މިހާރު ދާދި ފަސޭހަ ކަމެކެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުން ފުރައިގެން ބޭރަށް އެބަ ދެވެއެވެ. ވީމާ ކުއްލި ފަރުވާއަކަށް ފުރަން ޖެހުނަސް މިހާރު ދަތުރުގެ ފަސޭހަ ކަމުގެ ތެރެއިން އެކަން ހަމަޖެއްސުމަކީ އިހުނައް ވުރެ އެތައް ގުނައެއް ފަސޭހަ ކަމެކެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައި ހެން ބަނދަރު ހެދިފައެވެ. ރަށަށް އަރާ ފޭބުމުގައި ދަތިކަމެއް ނެތެވެ. އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ސްޕީޑް ލާންޗް ނެތް ރަށެއް ނެތެވެ. ދަތުރުތައް ފަސޭހަ ވެފައި އަވަހެވެ.

އުމުރު ދުވަހު ލިބުނުހާ ފައިސާއެއް ކޮތަރުކޮށިތަކަށް ހަރަދުކުރަމުންދިޔަ އެތައް ބަޔަކު ކޯވިޑް19 ގެ ހާލަތާއި ގުޅިގެން މިވަނީ އަމިއްލަ ވަޒަނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެއާއިލާތަކުގެ ވާހަކަ ތަކަށް ބަލާއިރު މިހާރު ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅުވެ އަމިއްލަ އުފަލަށް ވަގުތު ހޭދަކުރެވޭ ވަގުތު އިތުރު ވެއްޖެ އެވެ. އަތްމަތި އިހުނަށްވުރެއް ތަރައްޤީ ވެއްޖެ އެވެ.

ހަމައެކަނި ފުރިހަމަ ނުވާ ޚިދުމަތްތަކަށް ނުވަތަ ބޭނުން ތަކަށް ވިސްނައިގެން މާލޭގައި ގަނޑަތެޅުމަށް ވުރެ، އަމިއްލަ ރަށުން ލިބެންހުރި ފަސޭހަތަކާއި ނިޢުމަތްތަކުގައި ފުދިގެން އުޅުން ހިތްގައިމުވާނެ ކަން ޔަޤީނެވެ. މަސްނިމޭއިރު ގެ ކުލި ނުވަތަ އެހެން ކަންކަން ފުރިހަމަ ނުވެ ހާލުގައި މާލޭ ކޮތަރު ކޮށިތަކުން މިންޖުނުވެ ގަނޑަތެޅުން ދޫކޮށްލުން ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެން އެކަމުން ސަލާމަތްވާން މަސައްކަތް ކުރުން މާ ބުއްދިވެރިއެވެ.

މާލޭގައި ހުރި ގެދޮރުގެ ދަތިކަމާއި ތަފާތު އިޖްތިމާޢީ މައްސަލަތަކަށް ސަރުކާރަށް ނުވަތަ މާލޭ ސަރުކާރުތަކަށް ފުރިހަމަ ހައްލެއް ހޯދައި ދެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެކެވެ. ސަބަބަކީ މާލެ ބޮއްސުން ލާފައިވަނީ އެތައް ޒަމާނެއް ވަންދެން އެތައް ބައެއްގެ އަމިއްލަ ފައިދާއަށް ކަންކަން ތަރުތީބު ކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސުވާލަކީ މާލޭ ސަރުކަރުން ރޭވިގެން ގެނައި ހާލަތެއް ބަދަލުކޮށްފާނެ ހެއްޔެވެ. ނުވަތަ މިކަން ބަދަލު ކުރާނީ އަހަރުމެން ހެއްޔެވެ.

ފޮޓޯ: ފޮޓޯ: އަޙްމަދު އައްޝާމް / ހދ. މަކުނުދޫ