އެއާޕޯޓް ވިޔަސް، ދެންހުރި ކަމެއްވިޔަސް މި ލިބެނީ ''ރާއްޖެ ޓީވީ'' ދާއިރާއަށް ކަމަށް ވިދާޅުވެ، ހއ. ކެލާގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުން ލަސްވާތީ، ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރަގީކޮށް ހިންގަން އެރަށުގެ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ކެލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އިންފާޒް ވިދާޅުވީ، ކެލާގައި ގެސްޓްހައުސް ތަރައްގީކުރުމަށް ބިން ދޫކުރުމަށް އޭރުގެ ހައުސިން މިނިސްޓްރީއާއިއެކު 11 މެއި 2017 ގައި، އެމްއޯޔޫއެއްގައި ސޮއި ކުރެވުނު ކަމަށެވެ.

Ad
rt

އެފަހަރު، އެރަށުގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އެކުލަވާލި ކޮންސެޕްޓް ރަނގަޅު ނޫންކަމަށް ސަރުކާރުން ބުނުމުން ކުރެވުނު މަސައްކަތުން އެރަށުގެ ލޭންޑް ޔޫޒު ޕްލޭން އަލުން ރިވިއުކޮށް، އެ ޕްލޭން ހައުސިން މިނިސްޓްރީއިން އެޕްރޫވްކޮށް، އެރަށުގައި ގެސްޓްހައުސް ތަރައްގީކުރުމަށް 2019 ވަނަ އަހަރު ޓޫރިޒަމް ޒޯނެއް ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''އެ ލޭންޑް ޔޫޒް ޕްލޭން ހަދައި އެޕްރޫވްކުރީ ސަރުކާރަކުނ ކުރިމަސައްކަތަކުން ނޫން، ކެލާ ޒުވާނުންގެ ވަރަށް ބުރަ މަސައްކަތުން، މިއަދުގެ ޓޫރިޒަމް މިނިސްޓަރު ނިސްބަތްވަނީ މިރަށަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު ނިސްބަތްވަނީ މިރަށަށް، މިހާ ހިސާބަށް ކެލާގައި މިކަންނުވެ މިއޮތީ ސަރުކާރަށް ސަނާކިޔާ ޓީވީ ސްޓޭޝަނެއް ނެތީމަތޯ؟''

އިންފާޒް ވިދާޅުވިއެވެ.

ވަރަށް ނުރުހުންވެ އޭނާ ވިދާޅުވީ، ''އެއާޕޯޓް ވިޔަސް، ފެން ފެކްޓްރީ ވިޔަސް، ހޮސްޕިޓަލް ވިޔަސް، ދެން ހުރި އެހެން ކަމެއް ވިޔަސް ލިބެނީ ރާއްޖެ ޓީވީ ދާއިރާއަށް'' ކަމަށެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ރަށުކައުންސިލް ރައީސް ކަމަށް އިދިކޮޅު ޕީޕީއެމް ޓިކެޓްގައި ވެސް ވާދަކުރަށްވާ އިންފާޒް، ކެލާގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުން ލަސްވާތީ ނުރުހުން ފާޅުކޮށްފައިވާއިރު، ކެލާތުނޑީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު ޓޫރިޒަމް މިނިސްޓްރީއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބީލަމަށް ހުޅުވާލާފައެވެ. އެ ބީލަމުގެ މުއްދަތު ޑިސެމްބަރު 17 އަށް ހަމަވިއިރު، 3 ފަރާތަކުން އެ ބީލަމަށް ކުރިމަތި ލިއެވެ. މައުލޫމާތު ލިބިފައިވާ އެ ބީލަން ކާމިޔާބު ކުރި ފަރާތެއް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މި ޓޫރިސްޓް ހޮޓަލްގެ އިތުރުން އެރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން، އެމައްސައްކަތް ކުރަށްވަމުން އަންނަ ކަމަށް، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވަނީ ކުރިން ވިދާޅުވެފަ އެވެ.