އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ލޭންކެސްޓަރ ޔުނިވަރސިޓީގެ ފަރާތުން ނޭފަތަށް ފޮނުވާލެވޭ ސްޕްރޭއެއްގެ ސިފައިގައި ކޯވިޑް-19ގެ ވެކްސިން ހެދުމަށް ތައްޔާރުވެއްޖެއެވެ.
ލޭންކެސްޓަރ ޔުނިވަރސިޓީގެ އިންޖިނިއަރުން މިހާރުވަނީ މި 'ނޭސަލް ސްޕްރޭ' ޖަނަވާރުންނަށް ދީގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ވެކްސިންއެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާވެސް މެއެވެ.
މިހާތަނަށް މި ޑޯސޭޖްއިން ލިބުނު މަޢުލޫމާތަށް ބަލާއިރު، މި ވެކްސިން އަންނަނީ ޓީ ސެލް ތަކަށް ގުޑަމުން، އަދި ކޯވިޑް-19ގެ ވައިރަސް ނައްތާލަމުންނެވެ. އެ ޔުނިވަރސިޓީއިން އިތުރަށް ހާމަ ކުރި ރިޕޯޓުތަކަށް ބަލާއިރު، ފުއްޕާމޭގެ ޕެތޮލޮޖީ އަދި އެހެނިހެން ވައިރަސް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ވަނީ ވައިރަސްގެ ޢަދަދު ދަށްވެފައެވެ.
އިންސްޓިޔުޓް އޮފް ޓެކްސަސްގެ ވައިރޮލޮޖިސްޓް ޑރ. މުނީރް ވިދާޅުވީ މި ވެކްސިން އިތުރަށް ދިރާސާ ކުރައްވަމުންދާކަމަށެވެ. މި ނޭސަލް ސްޕްރޭއިން ޑޯސޭޖް ދީފައިވާ ޖަނަވާރުން އެކަތި އަނެކެއްޗަށް ކޯވިޑް-19ގެ ބަލި ޖެއްސުމުގެ ބައި މަދެވެ. މީގެ މާނައަކީ މި ޖަނަވާރުންގެ ނޭވާލާ ނިޒާމުގެ މަތީބައިގައި މި ވައިރަސް އެއްވެސް ވަރަކަށް ނެތުމެވެ. މިއީ ސައިންސްވެރިންނަށް މި ވެކްސިން މަސައްކަތް ކުރާ ކަމުގެ ހެއްކެއްވެސްމެއެވެ.
"އަދިވެސް މި ވެކްސިންގެ ކަށަވަރުކަމެއް ނުދެވޭނެ. ޖަނަވާރުންނަށް މި ވެކްސިން މަސައްކަތް ކުރިކަމުގައިވިޔަސް އިންސާނުންނަށް މަސައްކަތް ކުރާނެކަން އަދި ޖެހޭނީ އިތުރަށް ދިރާސާކޮށް ބަލަން"
އޭނާ އިތުރަށް ވިދާޅުވިއެވެ.
ނޭސަލް ސްޕްރޭ ނުވަތަ ނޭފަތަށް ފޮނުވާލެވޭ ފެނެއްގެ ޒަރީޢާއިން ވެކްސިން ދެވޭނެ ގޮތެއް ވެއްޖެކަމުގައިވާ ނަމަ، މިއީ ވެކްސިންތަކަށް ލިބިގެންދާނެ ކުރިއެރުމެކެވެ. ސަބަބަކީ، މި ނޭސަލް ސްޕްރޭގެ ސަބަބުން، ވެކްސިން ގެންގުޅެން ފަސޭހަވެ، ސިރިންޖުދެކެ ބިރުގަންނަ ފަރާތްތަކަށްވެސް މިކަމުން ލުއިފަސޭހަތަކެއް ވުމެވެ.
އަދި ލޭންކެސްޓަރ ޔުނިވަރސިޓީއިން އިތުރަށް ވިދާޅުވާ ގޮތުގައި، މި ވެކްސިން ހަމަޖެހުމާއި އެކު، ވެކްސިން ހެދުމަށް ހޭދަވާ ޚަރަދު ކުޑަވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ޤައުމުތަކަށް މި ވެކްސިން ގަތުމަށްވެސް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!