ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއް ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި އިސްކޮށްހުރިކަމަށް ބުނާ، ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފި އެވެ.

އެ ފިނޮޅުގައި ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ކަމަށް ވަނީ އަޑުފެތުރިފައެވެ. މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް އީޕީއޭ އާއި ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ.

Ad
rt

ފުލުހުން ވިދާޅުވީ، ގިލިލަންކަންފުށި ފަޅުތެރޭ އޮތް ވެލިގަނޑަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަަށް ރޭގެ ވަގުތެއްގައި އެދުމުން، އެ އަމުރު ކޯޓުން މިހާރު ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރު ކަމާގުޅޭ ހުރިހާ އިދާރާއަކަށް މިހާރު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ ތަހުގީގު ކުރަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިއަދު ވަނީ ބުނެފައެވެ.

ފިނޮޅު ހަލާކުކޮށްލަން މަސައްކަތް ކުރުމުން، ތިމާވެށި ހިމާޔަތްކުރާ ބައެއް މީހުންނާއި، ޖަމިއްޔާތައް އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން މިފަދަ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ''ޓްރާންސްޕޭރަންސީ މޯލްޑިވްސް''އާއި، ''އެކޯ ކެއާ މޯލްޑިވްސް''އާއި، ''ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކް''އާއި، ''ސޭވް އަވަރ ވޭވްސް މޯލްޑިވްސް''އާއި، ''ޒީރޯ ވޭސްޓު މޯލްޑިވްސް''އާއި، ''ސޭވް ހުވަދޫ''އާއި، ''މަލަފެހި މީދޫ ޕްރޮޓެކްޓް ދަ އެންވަޔަރަންމަންޓް''އާއި، ''ހުވަދޫ އެއިޑް''އާއި، ''ލޭންޑް ސީ މޯލްޑީވްސް''އާއި، ''ބިލީފް'' އަދި ''ސޭވް މޯލްޑިވްސް'' ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ގޮވައިލާފައެވެ.