މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 40 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދައި އެ ކުންފުނިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަދު އާންމުކުރި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް ބަލާއިރު އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި 62.85 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. އެކުންފުންޏަށް 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ލިބިފައިވަނީ 41.31 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 2019 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު ނަތީޖާއާއި އަޅާބަލާއިރު %52.15 އިތުރު އަދަދެކެވެ.

Ad
rt

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު، ހަތަރުވަނަ ކުއާޓާރގައި ޖުމްލަ 400.10 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 77.24 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ހޯދާފައެވެ. އެކުންފުނީގެ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ ހިސާބުތަކަށް ބަލާއިރު އެމުއްދަތުގައި 377.31 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 50.77 މިލިއަން
ރުފިޔާއެވެ.

''2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.35 ބިލިއަން ރުފިޔާގެ (2019 ވަނަ އަހަރުގެ މިމުއްދަތުގައި: 1.14 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 203.11 މިލިއަން ރުފިޔާ (2019 ވަނަ އަހަރުގެ މިމުއްދަތުގައި: 63.08 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައެވެ. މި ނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ.''

އެ ކުންފުނީގެ މިދަޔަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް އާންމު ކުރަމުން އެމްޓީސީސީން ބުނެފައި ވެއެވެ.

2020 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި އެ ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު ހިންގާފައެވެ. އެގޮތުން 52 މަޝްރޫއެއްގައި މަސައްކަތްކޮށް، 11 މަޝްރޫއެއްގެ މަސައްކަތްވަނީ ކަމިޔާބުކަމާއިއެކު ނިންމާލައިފައެވެ. އަދި އެ މަޝްރޫޢުތަކުގެ މަސައްކަތް މި ކުއަރޓާގައި ވަނީ ފަށާ، އިތުރު 17 މަޝްރޫއެއްގެ މަސައްކަތާއި އެ ކުންފުނިން ވަނީ ހަވާލުވެފައެވެ.

ހުސްވި 2020 ވަނަ އަހަރު ޖުމްލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް މިކުއާޓާރ ތެރޭގައިވަނީ ހިންގާފައިވާއިރު، އެ ކުންފުނިން މަޝްރޫޢުތައް ހިނގަމުންދިޔަ ރައްރަށުގެ މުޖުތަމައުތަކަށް ވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

''ކޯވިޑް-19 ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް މިދަނީ ކުންފުނިން އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންނެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގެ އުފާވެރި ޚަބަރު އަޅުގަނޑުމެންގެ ޙިއްޞާދާރުންނަށް އަރުވަމެވެ. އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައިވެސް ދަންނަވަމެވެ. އަޅުގަނޑުމެންގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ މުޖުތަމަޢުއަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.''

އެ ކުންފުނީގެ މިދަޔަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް އާންމު ކުރަމުން އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީގެ ތާރީޚްގައި މިދިޔަ އަހަރަކީ އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ކަޑައްތުކޮށްފައިވާއިރު، އެމްޓީސީސީއާއި ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، އެ ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމްޓީސީސީގެ 40 އަހަރުގެ ތާރީޚުގައި ވަރަށް ތަފާތު އެތައް ދުވަސްތަކެއް މާޒީވެގެން ހިނގައްޖެ ކަމަށާއި، ކުންފުނީގެ ހިންގުން ގޯސްވެ، ފައިދާއެއްނުވެ ހިންގަންޖެހުނު ދުވަސްތައްވެސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައި މިވާ ކޯވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، 2020 ވަނަ އަހަރަކީ، އެކުންފުނީގެ މުޅި ތާރީޚުގައިވެސް އެންމެ ފައިދާ ބޮޑު އަހަރުކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

''އެހެންކަމުން، ކުންފުނީގެ ހިންގުންތެރި ލީޑަޝިޕަށާއި ހުރިހާ މުވައްޒަފުންނަށް، ޚާއްޞަކޮށް ކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެމް.ޓީ.ސީ.ސީ.ގެ ކުރީގެ ބޯޑްތަކުގެ މެމްބަރުންނަށާއި، މިދިޔަ 40 އަހަރުގެ ތެރޭގައި، މިކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން.''

ރައީސް ވިދާޅުވިއެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.