އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސްއާއި ނައިބް ރައީސް ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް އާންމު ކޮށްފިއެވެ.
ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެ ޕާޓީގެ މިހާރުގެ ރައީސް އަދި މިވަގުތު ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމްގައި ހުންނެވި އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަޤާމްގައި ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ހޯމް މިނިސްޓަރު އިމްރާންގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާކުރައްވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު އަހްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ.
30 ޖަނަވަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންދާނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގެންފައިވާ އެ ޕާޓީގެ މެމްބަރުންނަށެވެ.
އިންތިހާބުގައި ވާދަކުރައްވާ މެމްބަރުންގެ ނަންތައް އާންމު ކުރައްވައި އެ ޕާޓީން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ބުނެފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުން ފުޅުވާ ފަރާތްތަކުން 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން vote.adhaalath.org.mv އަށް ޒިޔާރަތް ކުރައްވައި ދަފްތަރުގައި ނަން ހިމެނޭތޯ ބައްލަވައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެދިލައްވާ ކަމަށެވެ.
އަދާލަތު ޕާޓީގެ އިންތިހާބާއި ބެހޭ އެއްވެސް ކަމެއް ސާފް ކުރައްވަން ބޭނުންފުޅު ވާނަމަ އެ ޕާޓީގެ އިދާރީ ނަމްބަރު 3342671 އަށް ގުޅުއްވައި ނުވަތަ admin@adhaalath.org.mv އަށް މެއިލް ކުރެއްވުމަށް އެ ޕާޓީން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!