ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ.

Ad
rt

މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އާދަމް އާޒިމް އެވެ.

ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 50 މީޓަރުގެ ފަސް ގްރޮއިން އާއި، 30 މީޓަރގެ އެއް ގްރޮއިން ޤާއިމްކޮށް، އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ އަގަކީ 6,399,518.39 ރުފިޔާ އެވެ. އަދި މި މަޝްރޫޢު 75 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

މީގެއިތުރުން ޕްލޭނިން މިނިސްޓްރީއިން މިއަދު ވަނީ ލ. ފޮނަދޫގައި 3.64 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް، މަގުބައްތި ޖަހައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީއާއި⁦ ⁩ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރި އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.