ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ.
މި ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މިހާރު ވެސް ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
އެ ބިލުގައި އިތުރަށް ބުނެފައިވާ ގޮތުން އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެ އެވެ.
މަޖިލީހުން މިއަދު އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި އެ ބިލަށް އަމަލު ކުރަން ފަށާނީ، ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.
ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފައިވާއިރު، އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އިންތިޚާބު އެ މަހު ނުބޭއްވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ.
އެންމެފަހުން އީސީއިން ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!