ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޅެންވެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްކަމަށެވެ. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަން ފާހަގަކުރައްވައި، މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުންދާ 32 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރައްވާފައެވެ.
ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރަން. ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއް. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއް ވެސްމެ. މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ.
— Ibrahim Mohamed Solih (@ibusolih) January 15, 2021
ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ޝާއިރުއް ޝަބާބް އަލްމަރުހޫމް އިބްރާހިމް ޝިހާބުގެ ހަނދާނުގައި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ޝިހާބު އަވަހާރަވި ދުވަހެވެ. އެއީ 1988 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހެވެ. އިބްރާޙީމް ޝިހާބަށް ނިސްބަތްކޮށް، އެމަނިކުފާނު އަވަހާރަވި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ފެށީ 1989 ވަނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. އެހެން ކަމުން މިއަހަރު މިފާހަގަ ކުރަނީ 32 ވަނަ ޅެންވެރިންގެ ދުވަހެވެ.
އިބްރާހީމް ޝިހާބަކީ ދިވެހި އަދަބިއްޔާތުގައި އެފަދަ ދެވަނައެއް ނެތް ފުންނާބު އުސް ޞަޙްޞިއްޔަތެކެވެ. ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި އެފަދަ ދެވަނައެއް ނެތް މަޝްހޫރު ނަމުންނަމަ "ރިހި ދުލުގެ" ވެރިޔާއެވެ. ޅެންވެރިކަމުގެ ފަންނުގައި އަލްމަރުޙޫމް އިބްރާހީމް ޝިހާބަކީ "ޝާޢިރުއް ޝަބާބު" އެވެ.
ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވި ގޮތުގައި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ފަންނުކަމަށް ވުމުން، އެފަންނު ދިރުވައި އާލާކުރެއްވުމެވެ. އަދި ދިވެހި ޅެންވެރިން ކުރައްވައިފައިވާ އަދި ޅެންވެރިކަން ކުރައްވަމުން ގެންދަވާ، މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމެވެ.
ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނަށެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!