ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ.

އާރްއޭސީއަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ. ރައީސުލް ޖުމްޙޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.

Ad
rt

(އާރްއޭސީގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ އަބްދުލް ލަތީފު ގާސިމްއެވެ. އޭނާއަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސް މަގާމުތަކެއް އަދާކުރަށްވާފައެވެ. މިގޮތުން އޭނާ ވަނީ އޭރުގެ އުތުރުގެ ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި އަދި އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެތް އަހްމަދު)ގެ ޅިޔަނެއްވެސް މެއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އާންމުންގެ ތެރެއިން އިންތިޚާބުވި، މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ހުސައިން ޝާމިން އާއި އަބްދުﷲ ވަހީދެވެ. އަދި އެއް ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ ބޯޑުގެ އެއް ޑިރެކްޓަރެއްގެ މަގާމު އަދި އޮތީ ހުސްކޮށެވެ.

ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމުގެ ބޭނުމަށް އުފައްދާފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅި، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވޭ އަދި އެކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސްމާލުގެ ގޮތުގައި 2,000,000,000.00ރ (ދެ ބިލިއަން ރުފިޔާ) ކަނޑައެޅި އަދި ހިއްސާއަކަށް 10.00ރ (ދިހަ ރުފިޔާ) ގެ ނިސްބަތުން 200,000,000 (ދުއިސައްތަ މިލިއަން) ހިއްސާ އެކަށައެޅިފައިވާ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ދިވެހި ސަރުކާރާއި ވަކިން 30 ސެޕްޓެމްބަރ 2020 ގައި އުފެއްދިފައިވާ ކުންފުންޏެކެވެ.

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރު ހިމެނޭ ގޮތުން 7 މެންބަރުންގެ މައްޗަށެވެ.