ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ.
ޖިހާދުގެ މައްޗަށް، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ތުހުމަތުކޮށް ދައުވާ ވަަނީ އުފުލާފައެވެ.
ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައެވެ.
ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން 2020 ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ.
އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ދަށު ކޯޓްގެ ނިންމުން ގޯސް ކަމަށެވެ. އެ ނިންމުމުގައި ޖިހާދު ފިއްލަވާފާނެ ކަމަށް ބުނެފައިވީނަމަވެސް ހުށައަޅާފައިވާ ހެއްކަކީ އޭނާ ރާއްޖެއިން ފިއްލަވައިގެން ދާން އުޅޭ ކަމުގެ ހެއްކެއް ނޫން ކަމަށެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކޯޓުން ހުކުމްކުރީ ބޭސްފަރުވާއަށް ދުބާއީއަށް ފުރާވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކާފައިވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ޖިހާދަކީ ކުރީގެ ނައިބު ރައީސްކަމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި އަދި ގަވަރުނަރުކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!