ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް މިމަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.

ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިސްއަށް ހުށަހެޅުމުން ރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

Ad
rt

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވި މަޖިލިސް ޖަލްސާ ރޭ ވަނީ ފަސްވަރަކަށް މިނިޓްގެ ތެރޭގައި ނިންމާލާފައެވެ.

އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲއެވެ. ރިޔާސަތުން ދެއްކެވި ވާހަކާގައި އީވާ ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން 2020 ވަނަ އަހަރު ބާއްވަން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީގެ ކޮމިޓީއަށް މަސައްކަތްކުރާ މީހުންގެ އިންތިޚާބު ލަސްވަމުންދާތީ އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ޤާނޫނީ ހުރަސްތައް ނައްތާލާ އެ އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެބިލްގެ މަސައްކަތް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަވާނެކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްތު ކުރަނީ 17 ޖެނުއަރީގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވަންދެން ޖަލްސާ ކުރިއަށް ގެންދަވަން،"

އީވާ ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، ރޭ ފުރަތަމަ ކިޔުން އިއްވި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު އެ މުއްދަތު ތިން ދުވަހަށް ކުޑަކުރުމަށް ވެސް ރޭ ހުށަހެޅި ބިލުގައި ވަނީ ހިމަނާފައެވެ. ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސް ތެރޭ ހުށަހަަޅަން ޖެހޭއިރު، އެ މުއްދަތު ތިން ދުވަހަށް ވަނީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފައިވާއިރު، އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އިންތިޚާބު އެ މަހު ނުބޭއްވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ.

އެންމެފަހުން އީސީއިން ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.