ރާއްޖޭގެ ބައެއް ސަރަޙައްދީ އެއާޕޯޓުތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވެގެން ދާއިރު، އެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ރީޖަނަލް އެއާޕޯޓްސްތައް ހިންގަން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އަށް ބަދަލުވުމުގެ ފުރުޞަތު ދެވޭނެ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރގައި ބުނެފިއެވެ.

މިކަން ބަޔާންކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓްސްއިން މިއަދު އާންމު ކުރި ''ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރ'' ގައެވެ.

Ad
rt

މިގޮތުން އެ ޗާޓަރގައި ބުނެފައި ވަނީ ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރެވި އަދި ރީޖަނަލް އެއަރޕޯޓްސްގެ ދަށުން މަސައްކަތް ކުރަމުން ގެންދިޔަ އެންމެހައި މުވައްޒަފުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުޞަތު ދެވިގެންދާނެ ކަމަށެވެ. އަދި މިގޮތުގެ މަތިން މުވައްޒަފުން ބަދަލުވުމުގެ މަރުހަލާގައި، ކޮންމެ މުވައްޒަފަކަށްވެސް ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން، އެފަރާތުން ރީޖަނަލް އެއަރޕޯޓްސްގެ އިދާރާގައި އަދާކުރި ވަޒީފާގެ ބަދަލުގައި އައު ވަޒީފާގެ އެއްބަސްވުމެށް ހުށަހެޅޭނެ ކަމަށެވެ.

ނަމަވެސް، އެފަދަ އެއްބަސްވުމެއްގެ ދަށުން ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނަށް އެފުރުޞަތު ދޫކޮށްލުމުގެ އިޙްތިޔާރު ލިބިގެންވާކަމަށާއި، އަދި ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވާ އެންމެހައި މުވައްޒަފުން ބެލޭނީ އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ ގޮތުގައިކަމަށް އެ ޗާޓަރގައި ބުނެފައި ވެއެވެ.

މިއަދު އާންމު ކުރި ''ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރ'' ގައި ބުނާ ކުންފުނި ހިންގުމާއި ގުޅޭ މައިގަނޑު އަސާސްތައް

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ އަމާޒުތައް ކަނޑައަޅާނީ، ކުންފުނީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކުންފުނީގެ މަޤްޞަދުތަކުގެ މައްޗަށް ބިނާކޮށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ އާއި ލަފާގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިގޮތުން ކުންފުނީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކުންފުނީގެ މައިގަނޑު މަޤްޞަދުތަކަކީ:

  • ދިވެހިރާއްޖޭގައި ހިމެނޭ ކުންފުންޏާއި ޙަވާލުކުރެވޭ ސަރަޙައްދީ އެއަރޕޯޓުތައް ހަރުދަނާ ގޮތެއްގައި، އޭވިއޭޝަންގެ ދާއިރާއާއި ގުޅޭ ބައިނައްލަޤްވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގައި އޮޕަރޭޓްކުރުން؛
  • ސަރަޙައްދީ އެއަރޕޯޓުތަކުގެ ހިންގުމާއި އޮޕަރޭޓްކުރުން ހަރުދަނާ ކުރުމާއި، އަދި އެއަރޕޯޓްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، އިންފްރާސްޓްރަކްޗަރާއި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ވިލަރެސްކޮށް ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް ކުރިއެރުވުން؛ އަދި
  • ކުންފުނީގެ މަޤްޞަދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށާއި އެ ކަންތައްތަކާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ، ދަރަންޏަށާއި އެހެނިހެން ގޮތްގޮތުން ހޯދުން.

މި ޗާޓަރުގައި ބުނެފައިވާ ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމަށް ހަމަޖެހިފައިވަނީ، މިވަގުތު ރީޖަނަލް އެއަރޕޯޓްސް ގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތަކާއި، ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި އެންމެހައި ސަރަޙައްދީ އެއަރޕޯޓްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި، ހަރުމުދަލާއި، ނުއުފުލޭ މުދަލާއި، މުވައްޒަފުންނާއި، އެ ތަންތަނާއި ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް އެތަންތަނާއި ގުޅޭގޮތުން އުފެދިފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި އިލްތިޒާމްތައް ރީޖަނަލް އެއަރޕޯޓްސްގެ ކިބައިން ވަކިކޮށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2020/05 (ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފެއްދުމާބެހޭ ޤަރާރު) ގެ ދަށުން އުފައްދަވާފައިވާ ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C00452021) ދަށަށް ބަދަލުކޮށްގެންނެވެ.

ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރުމުގެ ބޭނުމަށް އުފައްދާފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅި، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވޭ އަދި އެކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސްމާލުގެ ގޮތުގައި 2,000,000,000.00ރ (ދެ ބިލިއަން ރުފިޔާ) ކަނޑައެޅި އަދި ހިއްސާއަކަށް 10.00ރ (ދިހަ ރުފިޔާ) ގެ ނިސްބަތުން 200,000,000 (ދުއިސައްތަ މިލިއަން) ހިއްސާ އެކަށައެޅިފައިވާ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ދިވެހި ސަރުކާރާއި ވަކިން 30 ސެޕްޓެމްބަރ 2020 ގައި އުފެއްދިފައިވާ ކުންފުންޏެކެވެ.

ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރު ހިމެނޭ ގޮތުން 7 މެންބަރުންގެ މައްޗަށެވެ.