ޖަލުތަކުގައިވެސް އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭކަމަށާއި ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފައިކަމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.

ޓީމް އިން މިހެން ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުން ހިއްސާކުރުމަށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.

Ad
rt

ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށްޓަކައި އިޤްތިސާދަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއި ދަރީންނާއި ބައްދަލުވުމަށް، އެޗް ޕީ އޭ އަދި ސަރުކާރާއި މަދު ވިޔަފާރިވެރިން ގުޅިގެން އަޅާފައިވާ ހުރަސްތަކުގެ ކަންބޮޑުވުންވެސް އެހާމެ ބޮޑުކަމަށެވެ.

މުވައްޒަފުންގެ މެދުގައިހުރި ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ، ރިސޯޓް މުވައްޒަފުން ނެގެޓިވް ނަތީޖާއަކާއި އެކު ކަރަންޓީން ވާންޖެހޭ މުއްދަތު ކުޑަކުރެވިދާނެކަމަށާއި ނުވަތަ ނެގެޓިވް ނަތީޖާއަކާއި އެކު ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދައެއް ދެވިދާނެކަމަށެވެ. ނުވަތަ ރިސޯޓްގައި އާއިލާއާއި އެކު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދުވަސްކޮޅެއް ހޭދަކުރެވިދާނެ އުސޫލެއްވެސް ކަނޑައެޅިދާނެކަމަށް މިނޫނަސް ރައްކާތެރި ގޮތަކަށް މިހާރަށް ވުރެ ފަސޭހައިން އާއިލާއާއި އަނބި ދަރީންނާއި ބައްދަލު ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި ހިދާރާތަކަށް ގޮވާލާކަމަށް ބުނެފައިވެއެވެ.

ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުއްވެރީންނަށްވެސް މަހަކު އެއްފަހަރު އާއިލީ ބައްދަލުވުމާއި، އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭއިރު، މިފަދަ ހައްޤުތަކުން ރިސޯޓް މުވައްޒަފުން މަހްރޫކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ގެނައުމަށް ގޮވާލަމެވެ.

ޓީމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ވަނީ އިތުރު 4 ކަމެއް މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ހިމަނާފަ އެވެ. އެގޮތުން ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން ފުރިހަމައަށް އަމަލުކޮށް ތަންފީޒް ކުރަމުން ނުދާކަންވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި ފަތުރުވެރިންނަށް ކޮވިޑް19 ޖެހޭ މިންވަރު އިތުރުވަމުންދާ ދިއުމުގެ ކަންބޮޑުވުމާއި މުވައްޒަފުންގެ ސިއްޙަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ކަންބޮޑުވުން ހިއްސާ ކޮށްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯތް ތަކަކުން (ގާތްގަނޑަކަށް 30%) ރިސޯޓުން އަނބުރާ އިޔާދަކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެއް އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަމުންދާ ދިއުމުގެ ކަންބޮޑުވުން ހިއްސާ ކުރަމެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިސްޓް ރިސޯޓްތަށް އޮޕަރޭޓް ކުރަމުންދަނީ އެކަށީގެންވާ މިންވަރަށްވުރެ މަދު މުވައްޒަފުން ލައިގެން ގިނަ ވަގުތު މަސައްކަތްކުރުވައިގެން ކަމަށާއި، މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ މާބޮޑަށް ބޮޑުވުމާއި، އެކަށީގެންވާވަރަށް ހުސްވަގުތު ނުދިނުމާއި، އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުން ދާކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކޮށްފައިވެއެވެ.

ރިސޯޓް ތަކުގައާއި އެއާޕޯޓްތަކާއި ޓޫރިސްޓުން އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކޮވިޑް-19 ގެ މިހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއްކަމުން، އިނާޔަތްތަކާއި ރައްކާތެރިކަން އިސްކުރުމުގައި އެފަރާތްތަށް ހިމެނޭގޮތަށް ސިޔާސަތުތަށް ކަނޑައެޅުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ.