ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ރޭ އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައި އެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވީ، ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފި ކަމަށެވެ.

''މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 ހާއިރު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަނީ ވަރު އައިލެންޑް ރިސޯޓަށް ދަތުރު ފަށާފައެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަޔަރމަނުން ކުރި މަސައްކަތުން ރޭ ފަތިހު 05:39 ހާއިރުއެވެ. މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.''

އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެއިތުރުން މި ރިސޯޓުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދިންކަން ވެސް އެމްއެންޑީއެފުން ވަނީ ފާހަގަ ކުރަށްވާފައެވެ.

މި ހާދިސާގެ މައުލޫމާތު ރޭ ދެއްވަމުން އެމްއެންޑީއެފުން ފުރަތަމަ މައުލޫމާތު ދެއްވާފައި ވަނީ އެ ރިސޯޓުގައި ރޯވީ ރާ ގުދަނުގެ ފުރާޅުގައި ކަމަށެވެ. ނަމަވެސް އެ ގޮތަށް އެ މައުލޫމާތު ހާމަކުރެއްވީ އެއީ ފަޔާ ޓީމު އެ ރިސޯޓަށް ދިޔުމުގެ ކުރިން، އެއިދާރާއަށް އެހާދިސާގެ ރިޕޯޓް ލިބުނުއިރު އެ ގޮތަށް މައުލޫމާތު ދީފައި ވާތީ ކަމަށް އެމްއެމްޑީއެފުން ވިދާޅުވެއެވެ.