ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަމަލުކޮށް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ދިރުން އަންނަމުންދާ މި ދަނޑިވަޅުގައި ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ، ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. މައުސޫމް ވިދާޅުވީ، އެޗްޕީއޭއާއި، ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކަށް ފުރުހަމައަށް ބޯލަބަނބައި، އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ އުސޫލުތައް ތަންފީޒުކުރުންމަތީ ދެމި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ލިބުނު ކުރިއެރުން ''ފަހަތަށް ސޮއްސާލުމަށް'' ޖާގަ ނުދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
މިހާލަތުގައި ވެސް ރައްޔިތުން ގެންދަވަނީ ތަކުލީފު އުފުއްލަމުންވެސް އެއްބާރުލުން ދެއްވަމުންކަން ފާހަގަ ކުރަށްވައި، މިނިސްޓަރު ޑރ. މައުސޫމް ވަނީ ޝުކުރު އަދާ ކުރަށްވާފައެވެ.
ރައްކާވެ ތިބިއްޔާ #ދަތުރުފަތުރު
އެޗު.ޕީ.އޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލުކުރަމާތޯ.
ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދެމާތޯ.
އުފުއްލަވަމުންގެންދަވާ ތަކުލީފަށާއި، ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރިއްޔާ!— Abdulla Mausoom (@Mausoom_Maus) January 11, 2021
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މި މޭރުމުން ވިދާޅުވިއިރު، މި ޖެނުއަރީ މަހުގެ ފުރަތަމަ 10 ދުވަސް ތެރޭ 30،644 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3,064 ޓޫރިސްޓުން ރާއްޖެ އާދެއެވެ. ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް 9.8 ދުވަސް ހޭދަކުރާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު 569 ޓޫރިސްތު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 42,072 ޓޫރިސްޓު އެނދެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓްހައުސްތައް 2020 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވާލާފަ އެވެ.
ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!