ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގު ކުރަށްވާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން، 8 ފެބްރުއަރީ 2012 ގައި ލިބުނު 280 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދައިދޭނެކަމަށް ނިލަންދ ޫދާއިރާގެ ކުރީގެ މެންބަރު، ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ، ހއ. ކެލާގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ''މުޅިފޯ، މުޅިފޯ- ހޭވާ މުޅިފޯ'' ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ.

Ad
rt

ޚަލީލް ވިދާޅުވީ ރައީސް މުޙައްމަދު އަމީން ދައުރުންފެށިގެން މިހާތަނަށް ހިނގާފަހުރި ކަންކަމުގެ އިންސާފު ގާއިމުކުރާނެ ކަމަށްބުނެ، އިންތިގާލީ އިންސާފުގެ ގާނޫނެއް މިސަރުކާރުން މިހާރު ވުޖޫދުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނަށް ވެސް ދާދި ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

''އެބޭފުޅުން ވިދާޅުވަނީ ރައީސް މުޙައްމަދު އަމީން ދައުރުންފެށިގެން މިހާތަނަށް ހިނގާފަހުރި ކަންކަމުގެ އިންސާފު ގާއިމުކުރަން ތިމަންނަމެން ބޭނުމޭ، އަޅުގަނޑު މިދަންނަވަނީ ތިޔަ ޤާނޫނުން މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް 8 ފެބްރުއަރީގައި ދިން އަނިޔާވެރިކަން ތަހުގީގު ކުރާނަމޭ''

ޚަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބޭފުޅުންގެ ދެން އަންނަ ސަރުކާރެއްގައ،ި އިންތިގާލީ އިންސާފުގެ ގާނުގެ ދަށުން 8 ފެބްރުއަރީ 2012 ގައި ހިނގި ކަންކަން ތަހުގީގުކޮށް، ގެއްލުން 280 މިލިއަން ރުފިޔާގެ ގެއްލުން، ގެއްލުންވި ފަރާތްތަކަށް ހޯދައިދެއްވާނެ ކަމަށެވެ.

''އޭގެ ބޭފުޅުން އެބަތިއްބެވި ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި، އޭގެ ބޭފުޅަކު އެއިންނެވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުގައި، އޭގެ ބޭފުޅަކު އެއިންނެވީ ޤައުމުގެ ރައީސް ކަމުގައި، އޭގެ ބަދަލު ހޯދާނަން އިރާދަ ކުރެއްވިއްޔާ،''

ޚަލީލު ވިދާޅުވިއެވެ.

އޭނާ އިތުރަށް ދެއްކެވި ވާހަކާގައި ވިދާޅުވީ، ކައުންސިލްތަކަށް ރަށްރަށުން ބިންތައް ދޫކުރުމުގެ ބާރު ދީފިކަމަށް މިސަރުކާރުން ބުނަމުންދާ ކަމަށެވެ. ޕަބްލިކްގައި އެހެން ބުނުމަށްފަހު އެލްޖީއޭއަށް ލިޔެ، ހުއްދަ ހޯދައިގެން ނޫނީ ބިން ދޫ ނުކުރެވޭނެ ކަމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މި ސަރުކާރުން ދަނީ ރަށްރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ހުރިވަސީލަތްތައް ވެސް ރައްޔިތުންގެ އަތުން ނިއުޅައިގަންނަމުން ކަމަށެވެ. މިގޮތުން މިސާލެއްގޮތުން ކަމަށް އޭނާ ވިދާޅުވީ، އއ. މަތިވެރީގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށް ހިންގި ''ކަސާ މިއާ މޯލްޑިވްސް'' ގެސްޓް ހައުސްއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ގެސްޓް ހައުސްއަކީ ހިންގުމުގެ މުއަދަތު 10 އަހަރު ހަމަވުމުން އެއްބަސްވުމުގައިވާގޮތުން، އެތައް މަތިވެރި ރައްޔިތުންނަށް ލިބޭ ތަނެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން 50 އަހަރަށް އެ ތަން އަމިއްލަ ވިޔަފާރިވެރިއަކަށް ދީ، ރައްޔިތުންނަށް އާމްދަނީ ލިބެންއޮތް ފުރުޞަތު ނިއުޅައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެލާ އިން ވެސް ޓޫރިޒަމަށް ބޮޑު ބިމެއް ކަނޑައަޅާފައިވާއިރު، މި ސަރުކާރު އޮވެއްޖެ ނަމަ އެބިމުން ކެލާ ރައްޔިތުންނަށް މަންފާއެއް ނުކުރާނެ، ކަމަށެވެ. އަދި މަންފާ ކުރާނީ މި ސަރުކާރަށް ވާގިވެރިވާ ކޮންމެސް ވިޔަފާރިވެރިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.