މިހާރު ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެ 5 ލީޑަރުން ވެސް ތިއްބެވީ ޓަގް ބޯޓެއްގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ސައީދު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ''އެހޭ ހޮށް، މިވަރުން ފުދިއްޖެ'' ޖަލްސާގައި ބައިވެރިވެ، ދެއްކެވި ވާހަކާގައި އެވެ.
ސައީދުގެ ވާހަކާގައި ކޯލިޝަންގެ 5 ވަނަ ލީޑަރެއްކަމަށް ސިފަކުރެއްވީ، ކުރީގެ ނައިބް ރައީސް އަދި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ރަސްމީކޮށް ހިމެނި ވަޑައިގަންނަވަނީ، އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން އަބުދުއްޤައްޔޫމެވެ.
ސައީދު ވިދާޅުވީ، ކޯލިޝަން ފަސް ލީޑަރުންވެސް ތިއްބެވީ އަވަށްޓެރި ޤައުމަކުން ކުޅުދުއްފުއްޓަށް ބަނދަރުކުރާ ފަދަ ޓަގް ބޯޓެއްގައި ކަމަށެވެ. އަދި އެ ލީޑަރުން އިސްވެ ވަނީ އަނިޔާވެރިކަން އިސްކޮށްފައި ކަމަށާއި، ރައީސް ޔާމީނުގެ މުދާ ދައުލަތަށް ނަގަން މަސައްކަތް ކުރަނީ ހަސަދަވެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީން މުޅި ދައުލަތް ޚަރާބުކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ.
އަލުން ޕްރޮގްރެއްސިވް ކޯލިޝަނުން ވެރިކަމަށް، އައިސް، ''މިހާރުގެ ހަމައިން'' މިހާރުގެ ކޯލިޝަން ލީޑަރުންގެ މައްސަލަ ބަލާއިރު، ނުހައްގުން ހޯދާފައިވާ އެތައް މުދަލެއް ދައުލަތަށް ނެގޭނެ ކަމަށާއި، އެ މުދާތަކާއި، ރިސޯޓުތައް ނަގާއިރު އެބޭފުޅުންނަށް ކެތްކޮށްލެވޭނެތޯ ސައީދު ސުވާލު ކުރެއްވިއެވެ.
ސައީދު ވިދާޅުވީ، އިންތި ގާލީ އިންސާފުގެ ނަމުގައި ޤާނޫނެއް ފާސްކޮށް، 1958 އިން ފެށިގެން މިއަދާއި ހަމައަށް ހިނގާފައި ހުރިކަންކަމަށް އިންސާފުހޯދައިދީ އެކަންކަން ބެލުމަށްކަމަށް ބުނެ އޮފީހެއް އުފެއްދިޔައިސް، ކުރަމުންދާ މަސައްކަތަކީ އެ އޮފީހުގައި އެމްޑީޕީގެ މޭޒެއް ބަހައްޓައިގެން 7 ފެބްރުއަރީ 2012 ގެ މައްސަލަ ބެލުން ކަމަށެވެ. އަދި އެ ރޭވުމުގެ ތެރެއިން ފުލުހުންގެ އެތައް އިސް އޮފިސަރުންނަކަށް ރިޓަޔާ ކުރަން މަޖުބޫރު ކުރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެއަކީ ރައީސް ޔާމީނުގެ މައްޗަށް އަނިޔާވެރިވުން އާ ހަރުފަތަކަށް ގެންދިޔަ ދުވަހެކެވެ. މިގޮތުން ''ކޯޓު ތަކަށް ހަތަރެސްފައި ބާނައިގެން'' ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ވަޢުދެއްވެސް ވެވަޑައިގެންފައެވެ. މިގޮތުން އިތުރު ދައުރަކަށް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކޮށްދެއްވާނެ ކަމުގެ ވަޢުދު އޭނާ ވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!