ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ ޗެއާމަނަކަށް އަބްދުލް ލަތީފު ގާސިމް އަދި ބޯޑު މެންބަރު ކަމަށް މުހައްމަދު ޝަފާއު ހަސަން ހަމަޖައްސަވައިފިއެވެ.

އާރްއޭސީއަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.

Ad
rt

ރައީސުލް ޖުމްޙޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.

އާރްއޭސީގެ ޗެއާމަނަކަށް ހަމަޖެއްސެވި އަބްދުލް ލަތީފު ގާސިމަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސް މަގާމުތަކެއް އަދާކުރަށްވާފައެވެ. މިގޮތުން އޭނާ ވަނީ އޭރުގެ އުތުރުގެ ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި އަދި އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެތް އަހްމަދު)ގެ ޅިޔަނެއްވެސް މެއެވެ.

އެ ކުންފުނީގެ ބޯޑު މެންބަރު ކަމަށް އައްޔަނު ކުރެއްވި، މ. ރިވެލިގޭ، މުހައްމަދު ޝަފާއު ހަސަނަކީ އަމިއްލަ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރެއްގެ ގޮތުގައި އެ ކައުންސިލަށް އިންހާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޔާމީނުގެ ސަރުކާރުގައި އެމްއާރްސީޑީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އާރްއޭސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޒްވީ ވަނީ ހަމަޖައްސައިފަ އެވެ. ރިޒްވީ މި މަގާމަށް ބަދަލު ކުރުމުގެ ހުރިން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު އުފައްދައި، 30 ސެޕްޓެމްބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ، އެ ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 200 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ ދެ ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

ރާޢްޖޭގެ އެކިކަންކޮޅުތަކުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 16 އެއަރޕޯޓް ތަރައްޤީކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، އިންޓަރނޭޝަނަލް 4 އެއަރޕޯޓާއި، ރީޖަނަލް 6 އެއަރޕޯޓެވެ.

މިއެއަރޕޯޓްތަކުގެ ތެރެއިން ބައެއް އެއަރޕޯޓް ހިނގަމުންދަނީ، އަމިއްލަ ކުންފުނިތަކުންނެވެ.