ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި މި ހާދިސާއާއި ގުޅިގެން، އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.

Ad
rt

އެ ހާދިސާގައި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހާދިސާގައި ދެވަނަ މަޖޫރިއަކަށް ވެސް އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

އެންމެފަހުން އެ ކުންފުންޏަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އަދި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ދެ މީހުންނަށް ވެސް ލިބިފައި ނުވާ ކަމަށް އެމްޕީއެލް އިން އެ ބަޔާނުގައި ބުނެފައި ވެއެވެ.

"މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު މި ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ދެންނެވީމެވެ. އަދި މި ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، މި ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދެންނެވީމެވެ."

އެމްޕީއެލްގެ ބަޔާނުގައި ބުނަފައި ވެއެވެ.

ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓްތަކެއް ހުސްކުރަން އުޅެނިކޮށް ރޭ ހިނގި އެ ހާދިސާގައި، އެކަކު ކޮންޓޭނާގައި ތާށިވިއިރު، ދެވަނަ މީހާ ޒަޚަމްވެގެން ވަނީ ހާދިސާގެ ކުރީކޮޅު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކޮންޓޭނާގައި ތާށިވި މީހާ ވެސް ފަހުން ވަނީ ސަލާމަތްކޮށްގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.