ހދ. ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ 3 ސްކޫލަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް، ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ.

މިގޮތުން އެ ކައުންސިލުން ވަނީ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލަށާއި، އަފީފުއްދީން ސްކޫލަށާއި އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެއިން ކޮންމެ ސްކޫލަކަށް 1300 ފޭސް މާސްކު ހަދިޔާ ކޮށްފައެވެ.

Ad
rt

މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ކޭއާރުއެޗް އަށް 2000 މާސްކު ހަދިޔާކޮށްފައެވެ.

ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ 3 ސްކޫލަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މާސްކު ހަދިޔާ ކުރުމާއި ގުޅިގެން އެ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ޙަސަން "ތިލަދުން" އަށް ވިދާޅުވީ، އެ މާސްކު ތަކަކީ އެކިއެކި ހެޔޮއެދޭ ފަރާތްތަކުން އެ ކައުންސިލަށް ހަދިޔާކޮށްފައިވާ މާސްކުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލަށް މިވަގުތަށް ފެނުނީ މާސްކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ މުއައްސަސާތަކަށް މާސްކު ހަދިޔާ ކުރަން، އެ ގޮތުން މިފަހަރު މިރަށުގެ ސްކޫލްތަކާއި، ހޮސްޕިޓަލް ޚިޔާރު ކުރީ"

ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވެސް މިހާރެކޭ އެއްގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ 3 ސްކޫލަށާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޭސް މާސްކު ހަދިޔާ ކޮށްފައިވާއިރު، އަންނަ އާދީއްތަ ދުވަހު، ސްކޫލްތަކުގައި ދެވަނަ ޓާމްގެ ކިޔެވުން ފެށިގެން ދާނެއެވެ.