ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރު ކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު ދިހަ ވަނަ ފަހަރަށް އިތުރު ކުރައްވާފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން، ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ 2020 ވަނަ އަހަރުގެ، މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރުކުރިއިރު، އެކަޑަމިކް ކަލަންޑަރުގައި އޮތް ގޮތަށް މި މަހު 10 ގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ހާމަކުރަށްވާފައެވެ.

މިގޮތުން، އެ މިނިސްޓްރީ އިން ބުނީ 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ވަނަ ދުވަހު ފެށޭނެ ކަމަށެވެ. މިފެށޭ ދެވަނަ ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ. އަދި ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

މީގެއިތުރުން ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން އެޑިޔުކޭޝަނުން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރު ކޮށް، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވާއިރު، ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށް ވުމަށްފަހު އާ އަހަރަކާއިއެކު އެ ޢަދަދު ކުޑަކޮށް ވަނީ މައްޗަށް ޖެހިލާފައެވެ.