ހއ.އިހަވަންދޫ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހދ. ނޮޅިވަރަމް ކުލަބް ޕެނީ އަދި ހއ. އިހަވަންދޫ ކުޅިމަގު ޓީމް ދަތުރުކޮށްފައިވާއިރު މިމުބާރާތުގެ ފައިނަލް މެޗް އޮތީ މިރެއެވެ.

މިރޭ 20:00 ގައި އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލްމެޗްއަށް ކުޅުންތެރިންނަށްވުރެ ބޮޑަށް ތައްޔާރުވަމުން އަންނަތަން ފެންނަނީ ދެރަށުގެ ވެސް ސަޕޯޓަރުންނެވެ. ރަށުފެންވަރުގައި އުފެދިފައިވާ ކުލަބުތަކުގެ ވާދަވެރިކަން އެއްފަރާތް ކުރުމަށްފަހު ފެނިގެން ދަނީ ރަށު ވާދަވެރިކަމެވެ.

Ad
rt

ހއ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. ހދ އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި، ހއ. ހދ އަތޮޅުގައި ހުރި ކުންފުނިތަކާ އަދި ހއ. ހދ އަތޮޅުގައި ހުރި ރިސޯޓުތަކަށް ހުޅުވާލައިގެން ފެށި މިމުބާރާތުގެ ފައިނަލްގައި ދެއަތޮޅަށް ނިސްބަތްވާ ދެރަށެއް ވާދަކުރުމަކީ ވެސް މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ސަބަބެކެވެ.

ހދ. ނޮޅިވަރަމް ޓީމް އިން އަމާޒު ހިފާފައިހުރީ ހދ. އަތޮޅަށް މިމުބާރާތުގެ ތަށި ގެނައުމަށެވެ. ހަމަ އެއާއިއެކު މުބާރާތް ކުރިއަށްދާ އިހަވަންދޫ ޓީމް އިން، އެއްރޫހެއްގައި އެއްއަޒުމެއްގައި ސަޕޯޓްކުރުމަށް ތައްޔާރުވަނީ އެރަށުން ތަށި ބޭރުވެދިޔަ ނުދިނުމަށެވެ. އެގޮތުން އެރަށު ކައުންސިލުންވެސް ވަނީ ކުޅިމަގު ޓީމަށް ސަޕޯޓްކުރަން ދިއުމަށް ރައްޔިތުންނަށް ދަޢުވަތު އަރުވާފަ އެވެ.

އިހަވަން ކަޕުގައި ރަށަށް ރީތިނަން ހޯދައި ދިނުމަށް ރައްޔިތުންގެ ޖޯޝުން ފުރިގެންވާ ސަޕޯޓެއް ކޮށްދިނުން އެދެން

"އަހަރެންވެސް ރަށު ޓީމްއާއިއެކު" މި ޝިޔާރާއިއެކު އިހަވަންދޫ ކައުންސިލްގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ނޮޅިވަރަމް ކައުންސިލުން ވެސް ވަނީ ނޮޅިވަރަން ތަމްސީލް ކުރުމުގައި ޕެނީ އިން ކުރަމުންދާ މަސައްކަތައް މަރުހަބާ ދަންނަވާފަ އެވެ.

ފައިނަލް މެޗް ކާމިޔާބުކޮން ޗެމްޕިއަން ކަން ލިބުމަށް އެދި ދުޢާ ކުރަން

ނޮޅިވަރަމް ކައުންސިލްއިން އެކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޓީމްގެ ފޮޓޯއެއް ހިއްސާކުރައްވާ ބުނެފައިވެއެވެ.

ނޮޅިވަރަމްގައިވެސް އަންނަނީ މިރޭގެ މެޗަށް ސަޕޯޓް ކުރުމަށް ތައްޔާރުވަމުންނެވެ. ނޮޅިވަރަމް ޓީމްއަށް ސަޕޯޓްކުރުމަށް ހދ. އަތޮޅުގެ ބަޔެއްރަށްރަށުން އިހަވަންދޫ އަށް ދާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގަ ކުލަބް ޕެނީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލްގައި ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގަ ކުޅިމަގު ޓީމުން ކަށަވަރު ކޮށްފައިވަނީ ޓީމް ނައިވާދޫ ސެމީ ފައިނަލުގައި ބަލިކޮށްގެންނެވެ.

ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހއ.ހ.ދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ.ހދ އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކާއި، އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި، ހއ.ހދ އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި، ހއ.ހދ އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމެވެ.

މި މުބާރާތުގެ ޖުމްލަ ފަނަރަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ކުޅިމަގު، ޒުވާނުންގެ ގުޅުން، އުލިގަމް. ކޮފަލި، އެންވީކޭ، ބޮޑުމަގު، އެޗްއެން ސްޕޯޓްސް ކްލަބް، ޗެޕޭ ސްޕޯޓްސް، ޖަންގަލް، ކްލަބް ޕެނީ، ޔުނައިޓެޑް ޔޫތު، ޓީމް ނައިވާދޫ، ސެންސިޓީ، ތުރާކުނު އަދި ޓީމް އަރާދުވާއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތިލަދުންމަތީގެ ޖަމްޢިއްޔާއަކުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000 (ފަންސަވީސްހާސް ރުފިޔާ) އެވެ.

ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.