ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން ސްޓެލްކޯއިން ކުރި ޢިއުލާނެއްގައި ވަނީ އެ ކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

Ad
rt

އެގޮތުން މި ކަމަށް ޝައުގުވެރިވާ މީހުންނަކީ އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ އަސާސީ ތައުލީމުގެ ފެންވަރު ހުންނަ މީހުން ކަމުގައި ވާން ޖެހޭނެ ކަމަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ރަނގަޅު ސިއްހަތެއްގައި ތިބި މީހުންނަށް ވާން ޖެހޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، މިނިވަން މަސައްކަތްތެރިންގެ މައިގަނޑު މަސައްކަތްތަކަކީ އެ ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫއުތަކުގައި ކުރަން ޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން ކަމަށެވެ.

މި އުސޫލުން ނެގޭ މީހުންނަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކު 100 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އެލަވަންސެއް ދޭނެ ކަމަށާއި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކު 175 ރުފިޔާ ދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޤާމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، އެ ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅުއްވަން ޖެހެނީ، 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

މިގޮތުން ޝޯޓްލިސްޓް ކުރެވޭ މީހުންގެ މެދުގައި ފިޒިކަލް ފިޓްނަސް ޓެސްޓްތައް ހެދިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.