ސިވިލް ސަރވިސް ކޮމިޝަންއިން ސީއެސްވިއުގަ، އޮންލައިންކޮށް، އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، "ސީއެސްވިއުގަ އޮންލައިން" ޕޯޓަލް މިއަދު ތައާރަފުކޮށްފިއެވެ.
މި ޕޯޓަލް ތައާރަފުކޮށްފައިވަނީ މިއަދު ހެދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޙާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނެވެ.
ސީއެސްވިއުގަ އޮންލައިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ޤާއިމުކުރުމަށް މި ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް ކަމުގައި ކަމަށެވެ.
އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ހުޅުވާލާ ހިސާބުން، ކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެންމެހައި އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ
އެ ބޭފުޅާ ވިދާޅުވިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ސީއެސްވިއުގަ މެދުވެރިކޮށް ޑިޖިޓަލައިޒުކުރެވުމުން، މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ކޮމިޝަނުގެ ރައީސް ނާޞިޙް ވިދާޅުވީ، މީގެ ސަބަބުން 26 ހާހެއްހައި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެކަމަށާއި، މިއީ ސިވިލް ސަރވިސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް ކަމަށެވެ.
އަދި މީގެ އިތުރުން ސީއެސްވިއުގަ އޮންލައިން އިތުރަށް ތަރައްޤީކުރެވި، ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސަރވިސް ވަޒީފާއާ ގުޅޭ އެންމެހައިާ ކަންތައްތައް 'ސިންގަލް ވިންޑޯ' އެއް މެދުވެރިކޮށް ދުރުނޫން މުސްތަޤުބަލެއްގައި ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ކޮމިޝަނުގެ ރައީސް ނާޞިޙްގެ ވާހަކަކޮޅުގައި މި ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިތްޕެވުމަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހިތްވަރު ދެއްވާ، ސީއެސްވިއުގަ އޮންލައިންގައި މުވައްޒަފަކާ ގުޅޭ ފުރިހަމަ ނޫން މައުލޫމާތެއްވާނަމަ، އެ މުވައްޒަފަކު މަސައްކަތްކުރައްވާ އިދާރާއެއް މެދުވެރިކޮށް އެ މައުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ކެތްތެރިކަމާއެކު ކޮށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހިރާއްޖޭގެ ކުރިއެރުމަށްޓަކައި ސަރުކާރުން އެކުލަވާލައްވާ ސިޔާސަތުތައް ތަންފީޒުކުރުމުގެގޮތުން ކޮށްދެއްވާ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކޮށް ކޮމިޝަނުގެ ރައީސް ނާޞިޙް ސިވިލް ސަރވިސް މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ.

ސީއެސްސީ އިން ބުނެފައިވަނީ، ސީއެސް ވިއުގައަކީ 2011 ވަނަ ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވެމުންދާ ސޮފްޓްވެއަރއެއްކަމަށެވެ. މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވާރކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާރކްގެ ޚިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައެވެ.
އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރެވުމުން، މިއަދުން ފެށިގެން އިންޓަރނެޓްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބައްލަވާލެއްވޭނެ
ސީއެސްސީއިން މަޢުލޫމާތުދެމުން ބުނެފައިވެއެވެ.
މީގެ އިތުރުން އިންޓަރނެޓްގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެކަމަށާއި ސީއެސްވިއުގަ އޮންލައިންކޮށް ޢާއްމުކޮށް ބޭނުންކުރުމަށް ހުޅުވައިލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުންކަމަށް ބުންޏެވެ. މިގޮތުން މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސްވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަންކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!