އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް އަތުން ޓޮޓެންހަމް ފަސޭހަކަމާއިއެކު މޮޅުވިއިރު، އާސެނަލް ވެސް އެ ޓީމު ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

ޓޮޓެންހަމްގެ ވައިޓް ހާޓްލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ޓޮޓެންހަމް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. މިއީ ޓޮޓެންހަމްގެ ސްޓީވަންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލީޑްސްގެ އެލިއޮސްކީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޓޮޓެންހަމް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިންއެވެ. މި ލަނޑު ޖަހަން އެހީތެރިވެ ދީފައިވަނީ ކޭންއެވެ. މިއީ ސޮން ޓޮޓެންހަމް އަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ.

ލީޑްސްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް ވެސް ވަނީ ޓޮޓެންހަމްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ޓީމަށް މެޗުގައި ލަނޑެއް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. މި މެޗުގައި ޓޮޓެންހަމް އިން ޖެހި ތިންވަނަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑެވެ. މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައިވަނީ ސޮންއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓޮޓެންހަމް އެ ޓީމުން ލީގުގައި ކުޅުނު 16 މެޗުން ލިބުނު 29 ޕޮއިންޓާއި އެކު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. މި މެޗުން ބަލިވި ލީޑްސް މިވަގުތު އޮތީ ލީގުގައި އެ ޓީމް ކުޅުނު 17 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ.

ހޮނިހިރު ދުވަހުގެ ރޭ އާސެނަލް އާއި ވެސްޓްބްރޯމް ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރ ކިއެރަން ޓިއާނީއެވެ. ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ މިޑްފީލްޑަ ބުކަޔޯ ސަކާއެވެ. ދެވަނަ ހާފުގައި ވެސް އާސެނަލް އިން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ލަކަޒޭޓްއެވެ. މިއީ އާސެނަލް ލީގުގައި ވިދިވިދިގެން ހޯދި ތިންވަނަ މޮޅެވެ.

މި މޮޅާއިއެކު އާސެނަލް މިވަގުތު އޮތީ ލީގުގައި އެ ޓީމް ކުޅުނު 17 މެޗުން ލިބުނ 23 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. މި މެޗުން ބަލިވި ވެސްޓްބްރޯމް މިވަގުތު އޮތީ 17 މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ.