ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްތައް ބަންދުވިއެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރި ޒުވާނުން، އެ ޒުވާނުންގެ އުފަން ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުންހިފައި ރަށަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދިނުމުގައި އެ ޒުވާނުން ނަމޫނާ ވެސް ދެއްކިތަން ފެނިގެންދިޔައެވެ. ރާއްޖޭގެ އުތުރާއި ދެކުނުންނެވެ.

ނ.ލަންދޫގެ ޒުވާނުން ވެސް އެ ޒުވާނުންނަށް ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުން ހިފައި، މި ވަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި 1200 ފޫޓް ދުރުގައިވާ، އެ ރަށު އިސްރައްވެހިން ބުނެއުޅޭ "ބަތްޕެން ކިލާގަނޑު"ގައި ޕާކެއް ތަރައްޤީ ކޮށްފައެވެ. މިހާރު އެއީ "ކުޅިދަށު ޕާކް" އެވެ.

Ad
rt

ރަށުގެ ޒުވާނުން އިސްނަގައިގެން މި މަސައްކަތް ފަށާފައިވަނީ 07 ސެޕްޓެމްބަރ 2020 ގައެވެ. ހަތަރު މަސްދުވަހުގެ ބުރަ މަސައްކަތަށް ފަހު މި ޕާކް ހުޅުވާފައިވާއިރު، މި މަސައްކަތުގެ ސަބަބުން ރަށުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ވެސް މި ވަނީ ބަދަހިވެގެން ގޮސްފައެވެ.

01 ޖަނަވަރީ 2021 ވީ ހުކުރު ދުވަހު ހަވީރު ރަސްމީކޮށް މި ޕާކް ވަނީ ހުޅުވާފައެވެ. ޕާކް ހުޅުވުމުގެ ގޮތުން ބޭއްވި ކުޑަ ރަސްމިއްޔާތުގައި ރަށުގެ ޒުވާނުންނާއި، ކުޑަކުދިންނާއި، ރަށުގެ އިސްރައްވެހިން ހިމެނޭހެން، ރަށުގެ ގިނަބަޔަކު ބައިވެރިވީ، އެ މަސައްކަތަކީ ރަށުގެ ފަޚުރެއްކަމުގައި ދެކިގެންނެވެ.

ޗަކަބިން ހިމެނޭ ސަރަހައްދުގައި ހިނގާލެވޭ ގޮތަށް ފާލަން އެތަނުގައި ހެދިފައިވެއެވެ. އުނދޯލި ހަޓާއި، އެކި ސަރަހައްދުގައި އިށީއިނދެ ތިބެވޭނޭހެން އެކި ޑިޒައިންތަކުގެ ގޮނޑި އެތަނުގައި ބެހެއްޓިފައި ވެއެވެ. އެތަނާއި އިންވެގެން އޮންނަ އަތިރިމަތީގައި ކުޑަކުދިންނަށް ހާއްސަ އުނދޯލިތައް ވެސް ވަނީ އެލުވިފައެވެ. އެތަނުގައި ހިމެނޭ ޗަކަބިމުގައި ކުއްޅަވަކާއި ކަނޑޫގަހާއި މި ނޫންވެސް ޗަކަބިން ތަކުގައި ހެދޭ ގިނަ ބާވަތްތަކުގެ ގަސް ހިމެނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން މި ކަމުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ އާރިފް، ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައުވަނީ މިއީ ޒުވާނުންގެ ވިސްނުމެއް ކަމަށެވެ. މި މަސައްކަތް ފަށައިގަތުމަށް ފުރަތަމަ ކުރެހުމެއް ތައްޔާރުކޮށް ރަށުގެ ޒުވާނުންނާއި ބައްދަލުކުރެވުނު ކަމަށެވެ. އެއަށްފަހު މި މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރެވި އެކި ދިމާތަކަށް ފޮނުވުނުކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އެ މަސައްކަތަށް މާލީ އެއްވެސް އެހީތެރިކަމެއް ޕްރޮޕޯސަލް ފޮނުވި ދިމާތަކުން ލިބިފައިނުވާކަމަށެވެ.

ނ.ލަންދޫ ކުޅިދޮށު ޕާރކްގެ މަސައްކަތް ފެށިގެން ދިޔައީ 2020 ވަނަ އަހަރުގެ ސެޕްޓޭމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. މިތަނަކީ...

Posted by YeriiGraphy on Friday, January 1, 2021

އާރިފް އިތުރަށް ބުނެފައިވަނީ މި މަސައްކަތަށް ބޭނުންވާ ލަކުޑި ހޯދީ ރަށުގައި އަލަށް ގެވަޅު ދޫކުރެވިފައިވާ ސަރަހައްދު ތަކުގައި ހިމެނޭ ރުއްގަސްތައް ކަނޑައިގެން ކަމަށެވެ. އެ ތަކެތި ކެނޑުމާއި ވަޑާންގޭތަކުން ފަޅައި، ފިލަޔަށް ހެދުމުގެ މަސައްކަތްތައް ވެސް ކޮށްދީފައިވަނީ އެތަންތަނުގެ ވެރިން ހިލޭ ސާބަހަށް ކަމަށެވެ.

"އަގުމަގު ކޮށްފިނަމަ މިއީ ދެ ލައްކަ ރުފިޔާގެ މަސައްކަތެއް، ނަމަވެސް ރަށުގެ އެކިފަރާތްތަކުން އަމަލީގޮތުންނާއި ތަކެތީގެ ގޮތުން ދެއްވި އެހީތެރިކަމުގެ ސަބަބުން މި މަސައްކަތް ނިންމާލެވިފައި، މިވަނީ ވަރަށް ކުޑަ ޚަރަދަކުން"

ޒީރޯ ބަޖެޓަކުން ފަށައިގަތް މި މަސައްކަތާއި ގުޅޭގޮތުން އާރިފް ބުނެފައިވެއެވެ.

މިފަދަ ތަންތަނުގެ މުހިންމުކަމާއި ބޭނުންތެރިކަން އެހެން މީހުންނަށް ވިސްނައިދީ، މިތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއަޅުމުގެ ގޮތުން ކުރެވިގެންދިޔަ މި މަސައްކަތް މި ހިސާބުން ހުއްޓާލާކަށް ލަންދޫގެ ޒުވާނުން ބޭނުމެއް ނުވެއެވެ. އެ ޗަކަބިމުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ޗަކަބިންތަކުގައި ހެދޭ ހުރިހާ ބާވަތްތަކުގެ ގަސް އިންދައި އާލާކުރުމާއި، އެ ޕާކް ރޭގަނޑު ބޭނުންކުރެވޭ ގޮތަށް ލައިޓް ހަރުކޮށް އިތުރަށް އެތަން ތަރައްޤީ ކުރުމަކީ އެ ޒުވާނުންގެ އުންމީދެވެ.

Alhamdhulillahi we did it.
Landhoo kulhidhoshu Park opening...

Posted by Raaee Ahmed Rasheed on Friday, January 1, 2021

މި މަސައްކަތުގައި އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް އާރިފްވަނީ ޝުކުރު ދަންނަވާފައެވެ. ހާއްސަ ގޮތެއްގައި އެ ރަށުގެ ކަނބަލުން މި މަސައްކަތް ކުރިއަށް ދިޔަ ދުވަސްތަކުގައި ކެއުމުގެ ގިނަ އިންތިޒާމްތަކެއް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި އެ ކަނބަލުންނަށް އާރިފްވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ޒުވާނުންގެ ނަމޫނާ މި މަސައްކަތް ބަލައިލުމަށް ލަނދޫއަށް ޒިޔާރަތް ކޮށްލުމަކީ މި ޒުވާނުންގެ އެދުމެވެ.