މިފެށުނު، 2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް ފަށައިފިއެވެ.
މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ
ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ،
ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު،
މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މޯލްޑިވެސް އެއަރޕޯޓްސް
ކޮމްޕެނީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ.
''މޯލްޑިވްސް ބޯޑަރ މައިލްސް'' އިން އެ ޕްރޮގްރާމް މިއަދު ރާއްޖޭގައި ފެށިކަން ހާމަކޮށް ބުނީ، މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ވަނީ ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް
މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ކަމަށާއި،
ޚާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި
ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ އައިދު (ލޮއި
ދަރަޖަ) ، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށް
ވެސް އެފަތުރުވެރިއަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ޚާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި
ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް
ވެސް އިތުރުވެގެންދާނެއެވެ.
2021 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއާއިއެކު މޯލްޑިވްސް ބޯޑަރ މައިލްސް ފްރޮގްރާމް ފަށައިފި. pic.twitter.com/ICb1jQuEg6
— Maldives Border Miles (@BorderMilesMv) January 1, 2021
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު
ޙުސައިން، އެމް.އެމް.ޕީ.އާރ.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ
މިނިސްޓަރ އަޙުމަދު އާތިފް އަދި އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މި
ޕްރޮގްރާމްގެ އެކިއެކި އިޝްތިހާރުތަކާއި ޕޯސްޓަރ ތަކުގައި ހިމަނާފައިވާ މޮޑެލުން، ދިވެހި ސަގާފީ ހެދުމުގައި ބޯޑަރ މައިލްސްގެ
ފުރަތަމަ މެމްބަރަށް މަރުހަބާ ދެންނެވިއެވެ.
ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނަކަށް ވަނީ މި ޕްރޮގްރާމްގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މި ޕްރޮގްރާމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު، ބޯޑަރ މައިލްސްގެ ވެބްސައިޓް، bordermiles.mv އަށް ޒިޔާރަތް ކުރެއްވުމުން ލބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!