ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އެރި މައްސަލައާ ގުޅިގެން 26 މީހަކަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ހުށަހަޅާފައިވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އެ މީހުންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

Ad
rt

މިއަހަރުގެ އޮކްޓޯބަރު މަހުގެ26 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާއި ގުޅިގެން، ޖެހިގެންއައި ދުވަހު ހެނދުނު ފުލުހުން ވިދާޅުވީ، އެރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް ފުލުހުން އެރޭ ހާމަ ކުރެއްވިއެވެ. އަދި އެ ދޯންޏަށް އެރި މީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އަދި އެ ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ދޯންޏަށް ތޫނު އެއްޗެހި ހިފައިގެން އެރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 16 މީހަކު ހައްޔަރުކުރި ނަމަވެސް އެ އެންމެން ވެސް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

ދޯނީގެ ވެރިފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯންޏަކީ ލ. ގަމަށް ނިސްބަތްވާ އެމީހާ ޖާބިރަށް ވިއްކާފައިވާ ދޯންޏެކެވެ. މި މައްސަލައިގައި ތިރީހަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދަށްކާތީ ކަމަށް ބުނެއެވެ.