ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން އެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ.
އެކަން ބަޔާންކޮށްފައި ވަނީ އެކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ނެރުއްވި "ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުން" ޤަރާރުގައެވެ.
އެ ޤަރާރުގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ބަޔާންކޮށްފައި ވާތީ، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، އެ ޤަރާރުގައި ބަޔާންކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ، ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން އެ ޤަރާރުގެ ދަށުން ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތައް:
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2022)
- 1 ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2023)
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާނު ކުރަށްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައި ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަޞީލަތަކަށް ހެދުން،" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!