ދިވެހިރާއްޖޭގެ ޤައުމީއެއަރލައިން މޯލްޑިވިއަން ގެ ސީޕްލޭނެއް އިންޑިޔާގެ މަލިކަށް މިއަދު ދަތުރުކޮށް، ދިވެހި ތާރީޚުން ޖާގަ ހޯދައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެ ކުންފުނީގެ ސީޕްލޭނެއް އިންޑިޔާގެ މަލިކުގައި މިއަދު މަޑުކޮށްލާފައިވާ ކަމަށެވެ.

Ad
rt

މަލިކުގައި ސީޕްލޭން މި މަޑުކޮށްލީ އިންޑިޔާގެ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

"ދިވެހި ފަޅުވެރިންނާއެކު ކުރި މި ދަތުރަކީ ތާރީޚީ ދަތުރެއް. މީގެ ކުރިން ދިވެހި އެއަރލައިނަކުން މަލިކަށް ދަތުރުކޮށްފައިވާ ކަމަކަށް ތާރީޚުން ފެންނާކަށް ނެތް."

މޯލްޑިވިއަނުން ބުނެފައި ވެއެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއް އިންޑިޔާގެ މަލިކުގައި މިއަދު މަޑުކޮށްލާފައިވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅަކަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު، މޯލްޑިވިއަންގެ ސީޕްލޭންއެއް އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން ވަނީ ޗާޓަރުކޮށްފައެވެ.

އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ވައިގެ ދަތުރުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަޗްކާ ގާއިމުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި އެދުވަހު މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރުކޮށް، ސީޕްލޭންގެ ހިދުމަތް ފެށީ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާއިންނެވެ.

އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، އެތަނުން ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ.

މީގެއިތުރުން މޯލްޑިވިއަންއަށް މިއަހަރު ވަނީ ބައިނަލްއަޤްވާމީ އެވޯޑް ތަކެއްވެސް ހޯދާފައެވެ. މިގޮތުން މިމަހު ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް އެކުންފުނިން ހޯދިއިރު، އެ ކުންފުންޏަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ.