ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 80 އަހަރު ކުރިން ދިވެހި ދައުލަތުން ވަނީ، ރަށްފުށުގައި ކާޑުގެތަކެއް އިމާރާތްކޮށްފަ އެވެ.
އެގޮތުން އިމާރާތްކުރެވުނު ކާޑުގެތަކުގެ ތެރެއިން ހދ. ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ރަށްވެހި މަގުގެ ރަށްވެހި އަސަރު އިމާރާތުގެ ކުރިމަތިން ފެންނަންހުރި އުވަ ތަޅުންގަނޑު އޮތް ބިމުގައެވެ.
އެދުވަސްވަރުގެ ޅަފުރާގެ ކުދިން، ނަމަވެސް މިއަދުގެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ނެއްލައިދޫ ކާޑުގެއިން ފުރަތަމަ ލިބެންހުރި ތަކެތީގެތެރޭގައި ހިމެނެނީ ހިލަ ބިންބި، ކުދި ބަތް، ބޮޑު ބަތް ފަދަ ދަނޑު ގޮވާމުގެ ބާވަތްތަކާއި، ސާފު ތެޔޮ އަދި އަލިފާން ފޮށި ފަދަ ޒަރޫރީ ކަންކަމަށް ބޭނުންވާ މަދު ތަކެއްޗެވެ.
އެތަކެތި ކާޑުގެއިން ލިބިގަތުމަށް ނުވަތަ ގަތުމަށް އޮންނަ އުސޫލުތަކަކީ، ރަށުގެ އަހުލުވެރިން ތައްޔާރުކުރާ ތަފާތު މުދަލަށާއި، ރަށުން ލިބޭ ކާބޯތަކެތި ތިލަފަތުން ކިރައިގެން އޭގެ ބަދަލަށް ކާޑުގެއިން މުދާ ބަދަލުކުރުމެވެ. ކާޑުގެއަށް ކިރާ މުދަލުގެ ތެރޭގައި ސާންތި، ރޯނު، ފަން ބޮނޑި، ހިކި މަސް އަދި ރުކުރާފަދަ ވެށިން އުފައްދާ ދިވެހިވަންތަ ތަކެތި ހިމެނެއެވެ. އަދި ކިރުވި ތަކެތި މާލެއަށް ގެންދާކަމަށްވެއެވެ. މި އުސޫލަށް ކާޑުގެއަށް ތަކެތި ކިރުމޭވެސް ރަށުގައި ކިޔާއުޅުނެވެ.
ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ގިނަ މުދާ ރައްކާކުރެވޭނެ ފަދަ ގޮތަކަށް ދެ ފަންގިފިލާއަކަށެވެ. ކާޑުގޭގައި މުދާ ރައްކާކުރާ ގުދަނުގެ އިތުރުން، ގެދޮރު ނެތް އާއިލާތައް ބައިތިއްބާނެ ފެންޑާއެއް ހިމެނެއެވެ. އަދި މި ކާޑުގޭގެ އެކިއެކިި ކަންކަމުގައި ނޯކިރީކުރުމަށް ރަށު މީހުން ތިބިކަމަށް އެހަނދާންތައް އާކުރަމުން އިސްރަށްވެހިން ކިޔައިދިނެވެ.
ކާޑުގޭގެ ބެލުމުގެ ދަށުގައި ބަދިގެއަކާއި ރައްޔިތުންގެ އުވަ ގުދަންވެސް ހިމެނެއެވެ. މި ދެތަން ހުންނަނީ ކާޑުގެ އާއި ވަކިން، ރަށްވެހި އަސަރުގެ އިރުމަތީ ފަރާތުގައިވާ އޭރުގެ އިންޖީނުގެއާއި، އޭރުގެ ދެކުނު އަވަށު އަންހެނުން މިސްކިތުގެ ހުޅަނގުފަރާތުގައިވާ ބިމުގައެވެ. (މިހާރުގެ ނެއްލައިދޫ ސުކޫލުގެ ހުޅަނގު ދެކުނުފަރާތައް އިތުރުކޮށްފައިވާ ސަރަހައްދު)
މި ބަދިގޭގައި އާންމުކޮށް ކައްކަނީ ރުކުރާކަމަށް، އެބަދިގޭގެ މަސައްކަތް ތަޖުރިބާކުރި ފަރާތެއް ހިއްސާކޮށްފައިވާކަމަށް ބުންޏެވެ. އަދި އުވަ ބޭނުންކުރެވެނީ ސަރުކާރުގެ މުހިއްމު އިމާރާތްތައް ކުރުމަށެވެ.
ހަމައެހެންމެ، ކާޑުގެ ތިޔާގި މޫސުމުގައި ރުކުރާ ނުވަތަ ދިޔާ ހަކުރާއި ހިލަ ބިންބިއެކުގައި ކައްކާފައި ރައްޔިތުންނަށް ބަހާކަމަށް، ދަތި ދުވަސްތަކުގައި ހިތި ފިލަންދެން ފެނުކެއްކި މަގޫފަތާއި ބޯށިފަތް ކައިއުޅުނު ދުވަސްތައްވެސް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ޙިއްޞާކުރިއެވެ.
މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީގެ ނައިބަކަށް ހުންނެވި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޝާތިރު ލިޔުއްވާފައިވާ ގޮތުގައި މި ނިޒާމު އުފެދިފައިވަނީ 1940 ވަނަ އަހަރުގައިއެވެ.

ކާޑުގޭގެ ނަން ކިޔުނު ގޮތްކަމަށް ބުނެވެނީ، ތަކެތި ދޫކުރަނީ ޚާއްޞަ ހުއްދަދެވިފައިވާ ކާޑު ހިފައިގެން އެ ގުދަނަށް ދިޔުމުންކަމަށްވާތީއެވެ. އަދިި ހަނޑޫ ހަކުރު ފުށަށްވެސް ކާޑުގެ ބާވަތްތައް ކިޔުނީ މި ނިޒާމުގެ ސަބަބުންކަމަށް މުހައްމަދު ޝާތިރު ލިޔުއްވާފައިވެއެވެ. ނެއްލައިދޫއިން މިދެންނެވި ކާޑުގެ ބާވަތްތައް ލިބެންފެށީ އިސްވެދެންނެވި ދުވަސްތަކުގެ ފަހުންކަމަށްވެއެވެ.
ނޯޓް: މަޢުލޫމާތު ނެގިފައިވަނީ ހދ ނެއްލައިދޫގެ ދުވަސްވީ ފަރާތްތަކުގެ އަރިހުންނާއި، ތާރީޚީ ލިޔުމަކުންނެވެ.
ލިއުނީ: އަޙްމަދު ރަޝީދު (ޖުވެކްސް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!