ފުލުހުން އިސްނަގައިގެން ނ. ލަންދޫގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފިއެވެ.
ފުލުހުންނާއި ލަންދޫ ކައުންސިލް އަދި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މި ފުޓްސަލް މުބާރާތް ފަށާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުކަމަށް ފުލުހުން ބުނެފައިވެއެވެ.
ލަންދޫގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ލަންދޫ ކައުންސިލާއި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މިމުބާރާތަކީ 18 އަހަރުން ދަށުގެ ކުދިންނަށް ޕްރޮފެޝަނަލް ފުޓްސަލް ދަސްކޮށްދިނުމާއި، މުބާރާތުގެ ތެރެއިން ރިވެތި އަހުލާގު ދަސްކޮށްދީ، މުބާރާތުގެ ތެރެއިން ޤާނޫނާއި ޤަވާއިދު ތަކަށް އަޙުލުވެރިކުރުމުގެ މަަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މިއީ ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު ކަމެއް ނެތި އެއުމުރުގެ ކުދިން ރަށުތެރޭގައި އުޅުމުގެ ފުރުސަތު ކުޑަކޮށް، ފުޓްސަލް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ލަންދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ޑިސެމްބަރު 25 ން އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ “އެމްޕަތީ” އާއި އިންޓަގްރިޓީ” އެވެ. މިމެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓަގްރިޓީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިންޓަގްރިޓީ ޓީމުގެ ޖާޒީ ނަންބަރު 11 މުޙައްމަދު ޒަޔާން ޙުސައިންއެވެ.
ފުލުހުން ބުނީ، މި މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާގޮތަށްކަމަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!