ކުރީގެ ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުއްޤައްޔޫމު ނުހައްޤުން ޖަލުގައި ބަހައްޓާފައި، ''މުޖުރިމު ކަލޭގެ'' ބަހައްޓާފައި ހުރީ އެއާކޯނު ކޮޓަރިއެއްގައި ކަމަށާއި، އެކަމާއި ރައްޔިތުން ވިސްނުމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު މިހެން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ''ވިސްނާ'' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަނީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު މައުމޫނާއި، މައުމޫނު ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި ބައެއް މީހުން ވެސް ބައިވެރިވި އެޖަލްސާގައި އޭނާ ވިދާޅުވީ ދިވެހި ތާރީޚް ލިޔާމީހުން އޭރުވެސް މިހާރުވެސް ތާރީޚް ލިޔަމުން ދާކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، 1978 ވަނަ އަހަރު އުފެދުނު ވެރިކަމުގައި ވޭތުވި 30 އަހަރު ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ ހިނގާފައިވާ މިންވަރު ފެންނާން އެބަހުރި ކަމަށާއި، އެކަންކަން ހިނގާދިޔަ ގޮތް ރައްޔިތުންނަށް ސާފުވާން އެބަހުރި ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވެގެން ދިޔަ ގޮތްވެސް ސާފުވާން އެބަހުރި ކަމަށާއި، އެކަންކަމަކީ އޮޅުވާލެވޭނެ ކަންކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
''އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން އެފްޕީއައިޑީގެ މައްސަލައަކީ ދިވެހި ތާރީޚްގައި ވެސް ނުހިނގާވަރުގެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް، ޖެހިގެންއައި ދުވަހު ތޭރީ ޖަވާނީ ކިޔާފައި ޅިޔަންބެޔަށް ދިނީ އަނެއްކޮޅުން ވަޒީފާ، މިއީ މި ޤައުމުގައި އަދުލު އިންސާފުގެ ކަންކަން ހުރި މިންވަރަކީ''
މުޙައްމަދު ވިދާޅުވިއެވެ.
މުޙައްމަދު ވިދާޅުވީ، މިގޮތަށް ކަންކަން ހިނގަމުން ގޮސް 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމް ހޯދި ރައީސަކު ޤައުމުގައި ވެރިކަންކުރި ކަމަށާއި، ''މިއެންމެން ބައިވެރިވެގެން ނުހައްގުން ގެންގޮސް އެ ރައީސް ޖަލަށް ލާފައި އޮތް އޮތުމަކީ ބަލައި ގަންނާނެ ކަމެއް ނޫން'' ކަމަށެވެ.
''އެމަނިކުފާނުގެ ޒައާމަތުގައި ހިނގާދިޔަ ވަރަށް ބޮޑު ކަރަޕްޝަންގެ ވާހަކަތަކެއް އަޑުގަދަ ކޮށްކޮށްފައި ސީދީ އޮޑިއަށް ސައިތާނު އަރާއިންހެން ރައްޔިތުންގެ މަޖިލިސްގެ ގޮނޑި ހިފައިގެންއިން މީހަކު އެބަ ދައްކާ، ދެ އަހަރު ބައިވެގެން ދިޔައިރު އަޅެ އެ ސައިތާނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކީއްވެގެންތޯއޭ ތި މައްސަލަ ނުބެލިގެން ތިއުޅެނީ''
ވަކި މީހެއްގެ ނަން ވިދާޅުނުވެ މީހުންނާއި މުޚާތަބުކޮށް، ވާހަކަ ދެއްކުމުގެ އާންމު މިންގަނޑުން ބޭރު ބަސްތަކެއް ބޭނުން ކުރައްވައި، މުޙައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ވިދާޅުވެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނުބެލިގެން އުޅެނީ ރައީސް ޞާލިޙްވެސް އެފައިސާގައި ޖެހި ވަޑައިގެން ހުންނެވީމާތޯ އޭނާ ސުވާލު ކުރެއްވިއެވެ.
''މިކަމުގެ އެންމެބޮޑު މުޖުރިމުކަލޭގެ މިއަދު ހުރިތަންވެސް ދިވެހިރައްޔިތުންނަށް މިއަދު އެނގޭނެ، އެމައްސަލާގައި ނުބައި ނުލަފާ ގޮތްތަކަކަށް ހަސަދަވެރިކަމާއިއެކު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުއްޤައްޔޫމް ޖަލުގައި ބަހައްޓައިގެން މުޖުރިމު ކަލޭގެ އެއާކޯނު ކޮޓަރީގައި ބޭއްވީމައި އަޅުގަނޑު ރައްޔިތުން ގާތު މި ދަންނަވަނީ މިކަންކަމާއި ރައްޔިތުން ވިސްނާ ފިކުރު ކުރާށޭ، މިއީއޭ ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައްތަކަކީ''
މުޙައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ވޭތުވި ދެ އަހަރު ތެރޭގައި ވެސް ކޮރަޕްޝަންގެ އެތައް ކަމެއް ހިނގައިފި ކަމަށާއި، ޖަލްސާތަކާއި އެއްވުންތައް ބާއްވައި އެވާހަކަތައް ދައްކަން ޖެހޭކަމަށެވެ.
ޕީޕީއެމްގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު އިސްމާއީލް، ނުސީދާކޮށް މަޖިލިސް ރައީސަށާއި، ރައީސް ޞާލިޙަށާއި، ރައީސް މައުމޫނަށް ނިސްބަތްކުރަށްވާ، ފާޑު ވިދާޅުވެފައިވާއިރު، އޭނާއަކީ އެމްއެމްޕީއާރުސީގެ ފައިސާ، ގޯނީގައި 18 ވަނަ މަޖިލިސްގެ ބައެއް މެންބަރުންނަށް ބެއްސެވި ކަމަށް މަޖިލިސް ތަޅުމުގައި ވިދާޅުވެ، ޕަބްލިކް ޓީވީގައި އެވާހަކަ ތަކުރާރު ކުރެއްވުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒު، އެކަމާއި ގުޅިގެން މަޝްހޫރުކަން ވެސް ލިބިވަޑައިގަތް ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!