ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ.
އެ މެޑެލްތައް ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް މިފަހަރު ހާސިލުކުރީ 4 ޙާފިޡުންނެވެ.
އެ 4 ޙާފިޡުންނަކީ:
- އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، މއ. ހެބޫދޫގެ
- އަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
- އަލްޙާފިޡް އަޙްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
- އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅު
ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވާފައިވާއިރު، މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިރޭ ވަނީ ދެއްވާފައެވެ.
މީގެއިތުރުން ރައީސް ޞާލިޙް ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރަށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!