އިބްނު ކަޘީރު, އެކަލޭގެފާނުގެ ތަފްސީރުގައި ޛިކުރު ކުރައްވާފައިވާ ވާހަކައެކެވެ. ވަރަށްވެސް ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކައިގައި ވާހަކަދެކެވެނީ ޢާލަމްތަކުގެ ވެރި އިލާކު ކަމަށްވާ މާތް ﷲ އާއި އިންސާނުންގެ ބައްޕާފުޅު ކަމަށްވާ އާދަމް ޢަލައިހިއްސަލާމް އާ ދެމެދުގައެވެ. އާދަމްގެފާނު ﷲ އަށް ދެންނެވިއެވެ.

"އޭ މިއަޅާގެ ރައްބެވެ! އިބައިލާހު، އިބަ އިލާހުގެ އަތްޕުޅުން މިއަޅާ ޚަލްޤު ނުކުރައްވަމުތޯއެވެ؟"

Ad
rt

ޖަވާބުގައި ބުނެވުނެވެ. "އާއެކެވެ." އެކަލޭގެފާނު ދެން އެއްސެވިއެވެ. "އިބައިލާހު މިއަޅާގެ ހަށިގަނޑަށް ރޫހުން ފުމެލެއްވީމު ނޫންތޯއެވެ؟" ޖަވާބުގައި ބުނެވުނެވެ. "އާއެކެވެ." އަދިވެސް އެކަލޭގެފާނު އެއްސެވިއެވެ. "ތިމަންކަލޭގެފާނަށް ކިނބިއްސެއް އެޅުނު ހިނދު އިބަ އިލާހު "يرحمك الله" އޭ ވަޙީ ނުކުރައްވަމުތޯއެވެ. އަދި އިބައިލާހުގެ ކޯފާއަށްވުރެ ކުރީގައި އިބައިލާހުގެ ރަޙުމަތް ވޭނޫންތޯއެވެ؟" ޖަވާބުގައި ބުނެވުނެވެ. "އާއެކެވެ." އާދަމްގެފާނު އިތުރަށް ދެންނެވިއެވެ.

"އަދި މިއަޅާއަށް ކުރެވުނު ކަންތައް ކުރެވޭނެކަމަށް އިބައިލާހު ލިޔުއްވާފައިވޭ ނޫންތޯއެވެ؟"

ޖަވާބުގައި ބުނެވުނެވެ. "އާއެކެވެ." ދެން އެކަލޭގެފާނު ވަރަށް މުހިންމު ކަމަކަށް ﷲ ގެ ޙަޟްރަތުން އެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ.

"މިއަޅާ އިބައިލާހަށް ތައުބާ ވެއްޖެނަމަ، އިބަ އިލާހު މިއަޅާ އަލުން ސުވަރުގެއަށް ރުޖޫޢަކޮށްދެއްވާނަންތޯ؟"

ޖަވާބުގައި ބުނެވުނެވެ. "އާއެކެވެ."

އެއާއެކު އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނު، އެދެބޭކަލުންނަށް ކުރެވުނު ކުށަށް ތައުބާވެވަޑައިގެން، ބަސްފުޅު ތަކެއް ވިދާޅުވިއެވެ. މިބަސްފުޅުތައް ﷲ ވަނީ ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގައި ޛިކުރުކުރައްވާފައެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿ سورة الأعراف 23﴾

މާނަ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

(ބައްލަބާލައްވާ: تفسير ابن كثير (1/ 239))

މިޙާދިޘާއިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް އެނގިގެންގޮސްފިއެވެ. "ފާފަކުރެވޭތޯ؟" "ފާފަ ކުރެވެނީ ކިހާވަރަކަށްތޯ؟" ހަމައެކަނި މިފަދަ ސުވާލުތަކާ މެދު ވިސްނައި ތިމާއާއި އެހެން މީހުންނަށްވެސް ހަމަ އެކަނި މިއަށް ބަލައިގެން ޙުކުމް ޖަހާ ހަދާ ނަމަ އެދެވެނީ މުޅިން ރަނގަޅު މަގަކުންނެއް ނޫނެވެ. ސަބަބަކީ އަޅުގަނޑާއި ތިބާ އަދި މިދުނިޔޭގައި ދެންތިބި އެންމެންނަކީވެސް ފާފަ ކުރާނޭ މީހުންނެވެ. އެއީ ކިތަންމެ އަޅުވެރި ޢިލްމުވެރިއެއް ނަމަވެސްއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

كُلُّ بَنِي آدَمَ خَطَّاءٌ މާނަ: "ކޮންމެ އާދަމުގެ ދަރިޔަކީވެސް ފާފަކުރާނޭ މީހެކެވެ."

ދެން އެއާވިދިގެން އެކަލޭގެފާނު ޙަދީޘްކުރައްވަނީ: وَخَيْرُ اَلْخَطَّائِينَ اَلتَّوَّابُونَ މާނަ: " އަދި ފާފަކުރާ މީޙުންގެ ތެރެއިންވާ އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންނެވެ."

އެކަލޭގެފާނުގެ މި ޙަދީޘްފުޅުން އެނގިގެންދާ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ޖުމްލަގޮތެއްގައި ބުނާނަމަ ފާފަކުރާ މީހުންނަކީ ނުބައި ބައެއް ނޫނެވެ. އެހެން ނަމަ "ފާފަ ކުރާ މީހުންގެ ތެރެއިން ވާ އެންމެ ހެޔޮ މީހުންނޭ" ޙަދީޘް ނުކުރައްވާނެއެވެ. އެބައިމީހުން އެންމެ ހެޔޮ މީހުންނަށް ވީ، ފާފަކުރުމާއެކު ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވެގަތުމަށް އަވަސްވެގަންނާތީއެވެ. ނަމަވެސް ފާފަކުރެވުން ބޮޑު މައްސަލައަކަށް ވާ ހިސާބަކީ، ފާފަ ކުރުމާއެކު، އެކަމުން ތައުބާ ނުވެ، ﷲގެ ޙަޟްރަތައް ރުޖޫޢަ ނުވުމެވެ. ނުވަތަ ތައުބާވުން ލަސްކުރުމެވެ.

ދުނިޔޭގައި ޚަލީފާއެއްކަމުގައި ވާނޭ ފަރާތެއް (އިންސާނެއް) ޚަލްޤު ކުރައްވާނެ ކަމުގެ ޚަބަރު ﷲ، މަލާއިކަތުން ދެއްވުމާއެކު މަލާއިކަތުން ކުރިމަތި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ﷲ ވަޙީ ކުރެއްވީ َقَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿ سورة البقرة 30﴾ މާނަ: "ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."

މަލާއިކަތުންގެ ކަންބޮޑުވުމަކަށްވީ ﷲ އިންސާނުން ދުނިޔޭގައި ލެއްވުމާއެކު، އެބައިމީހުން ދުނިޔޭގައި ފާފަކޮށް ފިތުނަ ފަސާދަތައް އުފައްދަފާނެކަމަށް ދެކެވަޑައިގެން އައި ކަންބޮޑުވުމެކެވެ. އެހެންނަމަވެސް އަހަރެމެންގެ ޙާލަތު އެއިލާހު މޮޅަށް ދެނެވޮޑިގެންވާކަން އެއިލާހު މަލާއިކަތުންނަށް ބަޔާން ކޮށްދެއްވިއެވެ. އަހަރެމެންނަށް ފާފަކުރެވޭނެ ކަން އެއިލާކު މޮޅަށް ދެނެވޮޑިގެންވެއެވެ.

ހަމަ އެޔާއެކު ފާފައިން ތަޢުވާބެ، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ބިމުގައި ހެޔޮ ކަންތަކަށް ގޮވާލާ އަދި މުންކަރާތްތައް މަނާ ކުރާނޭ ބަޔަކުވެސް އިންސާނުންގެތެރޭގައި ވާނޭކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ފާފަކޮށް، އޭގެފަހުން ތައުބާވާ މީހުންނަށް އެއިލާހު ތައުބާ ލައްވައި ޢަފޫ ކުރައްވާނޭކަން ޤުރްއާނުގެ އެތައް އާޔަތަކާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތައްބައިވަރު ނަބަވީ އިރުޝާދުތަކުން އަހަރެމެންނަށް އެނގެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲއީ ފާފަ ފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. މިއާއެކު އަހަރެމެންނަށް އެއިލާހުގެ މަތިވެރިކަން ވަރަށް ރިވެތިގޮތަކަށް ހާމަވެއެވެ. އެހެނީ އެއިލާހަކީ އެންމެ މަތިވެރި، މުޅި ކާއިނަތް އަދި 7 އުޑާއި ބިމާއި އެދެމެދުގައި ވާހާއެއްޗެއްގެ ވެރި ރަސްވަންތަ އިލާހެވެ. އެއިލާހުގެ ޙަޟްރަތުގައި އަހަރެމެންނީ ނަންގަތުމަށްވެސް އެކަށީގެން ނުވާހާ ނިކަމެތި ބައެކެވެ.

އެއާއެކު، އެއިލާހުގެ ޙަޟްރަތުން އަހަރެމެންނަށް ޙަޤީޤީ ބާރުވެރިކަން އެބަ ފެނެއެވެ. އެއީ، އަހަރެމެންނީ، ކުރެވޭ ފާފަތަކުގެ ސަބަބުން އެއިލާހުގެ ޢަޛާބު ޙައްޤުވެގެންވާ މީހުންނަށް ވާއިރު، އަދި އެއިލާހަކީ އެންމެ ބޮޑު، އެންމެ މަތިވެރި ފަރާތަށްވެފައި، އެއިލާހުގެ ޙަޟްރަތުގައި އަހަރެމެން އެހާ ނިކަމެތިބަޔަކަށް ވާއިރުވެސް، އެއިލާހު އިރާދަކުރައްވަނީ، އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް ތައުބާލައްވައި، ޢަފޫ ކުރައްވައި ޢަޛާބުން ސަލާމަތް ކުރައްވާށެވެ. ޙަޤީޤީ ބާރުވެރިކަމަކީ މިއީ ނޫންތޯއެވެ.

އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ކޮންމެ މީހަކަށްވެސް ފާފަ ކުރެވިދާނެއެވެ. ނަމަވެސް ފާފަ އަކަށް އަރައި ގަނެވުމާއެކު އެކަމާ ދެރަވެ ހިތާމަކުރާ ޙާލު، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާވުން އަވަސް ކުރަންވާނެއެވެ. އަދި ފާފަ ފުއްސެވުން އެދި އެއިލާހަށް ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓާލުމަށް އަޒުމް ކަނޑައަޅައި އެކަންކަމުން ދުރުވުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ. ﷲ އަށް ޛިކުރުކުރުމުގައި ދޫ މަޝްޣޫލުވެރި ކުރުވާށެވެ.

މާގިނައިން ބޭކާރު ވާހަކަދެއްކުން ގިނަ ވާނަމަ، أستغفر الله އޭ ކިޔައި އިސްތިޣްފާރު ކުރުން ގިނަ ކުރާށެވެ. ދުޢާއަކީ މާތް ﷲ އަޅަމެން އެންމެންގެވެސް ފާފަތައް ފުއްސަވައިދެއްވައި، ނަރަކައިން މިންޖު ކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމެވެ.