ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ ކަމަށާއި، އޭނާގެ މައްޗަށް ކޮށްފައިވަނީ އަބުރުލު ކަތިލުމަށް ކުރާ ސިޔާސީ ތުހުމަތެއް ކަމަށް ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒައިލް މިގޮތަށް ވިދާޅުވީ، އޭނާއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފިކަމަށް އޭސީސީން މިއަދު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައި ވަނިކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

Ad
rt

ސަސްޕެންޑް ކުރެވުނުތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ޝަޒައިލް ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން ސިޔާސީ ތުހުމަތެއް ގޮތަށް މަނީލޯންޑަރިންގެ ތުހުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

''އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ. ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުޙުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން''

ޝަޒައިލް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅީ ރައީސް އޮފީހުންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގުގެ ތެރެއިން ފާހަގަވި މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަޒައިލަށް ތުހުމަތުކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ބަލާފައިވާއިރު، ހަމަ އެ ކޮމެޓީއިން ވަނީ ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) ގެ މައްސަލައެއް ވެސް ބަލާފައެވެ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުމާއިގުޅޭ އެ މައްސަލާގައި ކޮމިޓީން ނިންމާފައި ވަނީ ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން ޕާކަވަންއާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށް، ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ޝަޒައިލް ސަސްޕެންޑްކޮށްގެން މައްސަލަ ބެލިއިރު އެސްއޯއީ ކޮމިޓީގެ ރިޕޯޓަށް ފަހު ވެސް އިބޫ ސަސްޕެންޑެއް ނުކުރުމުން ފާޑުކިޔުންތައް އަމާޒުވެ، ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.