ފެނަކަ ކޯޕަރޭޝަނާއި ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާ، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް، މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދަނީ ނާތަހުޒީބު ފިނޑި އަމަލެއްކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މި ގޮތަށް ބުނެފައި ވަނީ ބައެއް އޮންލައިން ނޫސްތަކުގައި ފެނަކައާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ފެނަކައިން ބުނެފައިވަނީ މިހާރު މެނޭޖްމެންޓުން ކުންފުނި ހިންގަން ހަވާލުވުމަށް ފަހު ގެންނެވި އިންގިލާބީ ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ލިޔުއްވަނީ ކަމަށެވެ.

Ad
rt

ފެނަކައާ ބެހޭގޮތުން ބައެއް އޮންލައިންތަކުގައި ލިޔެފައިވާ ހަގީގަތާ ހިލާފު ވާހަކަތަކަކީ އެކުންފުނި ހޯދަމުންދާ ކާމިޔާބީތަކަށް ހަސަދަވެރިވާ، މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި އަމަލެއް

އެކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި އެހިދުމަތްތައް ފޯރުކޮށްދެއްވުމަަށް ކުރެވޭ މަސައްކަތްތަކަށް ފާޑުކިޔުމަށް މަރުހަބާކިޔާކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ކުންފުންޏާއި ކުންފުނީގެ ވެރިންނާ ބެހޭގޮތުން އެކިފަރާތްތަކުން ހާމަކުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުން، އަމަނާތްތެރިކަމާ އެކު އެކުންފުނިން ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އެންމެ ހިނދު ކޮޅަކުވެސް ފަސްޖެހުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ފެނަކައިން ވަނީ ރައްޔިތުންނަށް ދީފައެވެ.