މާފަންނު ވެސްޓް ޕަރކް ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހެދި ބަސް ޓަރމިނަލާއި ޕާކް ހުޅުވައިފިއެވެ.

އެސްޓީއޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުވި މި ބަސް ޓަރމިނަލާއި ޕާކު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެމަނިކުފާނުވަނީ ބަސްޓަރމިނަލާއި ކަސްރަތުކުރާ ވަސީލަތްތަކާއިއެކު ހަދާފައިވާ ޕާކު ބައްލަވާލައްވާފައެވެ.

Ad
rt

ބަސް ޓަރމިނަލާއި ޕާކު ހުޅުވުުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ އައު ބަސް ޓާމިނަލެއް ހުޅުވައި، ބަސް ރޫޓެއް އިތުރުވުމަކީ އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ކުރެވޭމުހިންމު މަސައްކަތެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވި މި މަސައްކަތަަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމަށާއި ބަހުގެ ޚިދުމަތް ހޯދާމީހުންނަށް ލުއިފަސޭހަކަމާއެކު އެޚިދުމަތް ލިބޭނެގޮތް ފަހިކޮށްދިނުމަށް ހެދި ތަނެއްކަމަށެވެ. މިމަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޔޫތް މިނިސްޓްރީގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

އަދި ޕާކާއި ބަސް ޓަރމިނަލް ހެދުމުގެ ޢަމަލީ މަސައްކަތުގައި އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

ދިގުމުއްދަތެއްވަންދެން އަޅާނުލައި ދޫކޮށްލާފައިވާ ކުރީގެ ވެސްޓްޕާކް ސަރަހައްދަށް ބޮޑެތިބަދަލުތަކެއްގެނެސް މިހާރު އެސަރަހައްދުގައި އަލަށް ހުޅުވި ޕާކާއި އެކު ބަސް ޓާމިނަލް ކައިރީގައި ސައިކަލު ޕާކު ކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.