"ގޮމަ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރިއްޖެއެވެ.
އެ ދޯންޏަކީ ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯންޏަކީ އދ. ފެންފުށީ ދޯންޏެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ، "ގޮމަ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި، ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓް ގާޑު ސްކޮޑްރަން ހަރަކާތްތެރި ވަމުން ދާކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 8:15 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީތެރިކަމާއިއެކު، އުރުނު ދޯނީގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
އަދި އެ ދޯންޏަށް ދިޔަވުން ކޮންޓްރޯލް ކުރުމަށް ކޯސްޓް ގާޑުން ޕަމްޕް ޖައްސައިގެން ދިޔަ ހިއްކުމަށް އެހީތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އުރުނު ދޯނި އަރިއަޅާލާފައި، ފޮޓޯ: އެމްއެންޑީއެފް
ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް މުދާއުފުލާ ދޯންޏެއް އުރުމުގެ ހާދިސާއެއް ހިނގާފައިވާއިރު، ދިވެހިރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސްއިން ވަނީ މިހާރު ހިނގަމުން މިދާ 48 ގަޑިއިރު ރާއްޖޭގެ އެކި ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!