އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. ޤިޔާމަތްދުވަހުން އެންމެފުރަތަމަ އެމީހަކާ މެދު ޤަޟާ ކުރެވޭނީ ޝަހީދަކާ މެދުއެވެ. (މީނާއަކީ އޭނާގެ ޒުވާން ދުވަސްވަރު ކެރިގެން ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަކޮށް ޝަހީދު ވެގެން ދިޔަ މީހެކެވެ.) އޭނާ ހާޒިރު ކުރެވި، ﷲ، އޭނާއަށް ދެއްވި ނިޢުމަތްތައް އޭނާއަށް އަންގަވައިދެއްވުމަށްފަހު، އެނިޢުމަތްތަކާއެކު އޭނާ ޢަމަލުކުރީ ކިހިނަކުންތޯ އޭނާއާ ސުވާލުކުރެވޭނެއެވެ. އެހިނދު މުޖާހިދު ބުނާނެތެވެ.

"އަހަރެން އިބަ ﷲގެ މަގުގައި ޖިހާދު ކޮށް އެންމެފަހުން ޝަހީދުވީއެވެ."

Ad
rt

ދެން ﷲ ވަޙީ ކުރައްވާނެތެވެ.

"ތިބާ ތިހަދަނީ ދޮގެވެ. ތިބާ ހަނގުރާމަކުރީ މީސްތަކުންގެ ދުލުން ތިބާއަކީ ހިތްވަރުގަދަ ފަހުލަވާނެކޭ ބުނުމުގެ ބޭނުމުގައެވެ. ފަހެ ތިބާއަށްވަނީ ދުނިޔޭގައި އެކަން ޙާޞިލު ކުރެވިފައެވެ."

އެހިނދު މޫނުވަތަށް ދަމާ ގެންގޮސް ނަރަކައަށް އޭނާ އެއްލާލުމަށް އަމުރުކުރެވޭނެއެވެ.

ދެން ގެނެވޭހުށީ ޤުރްއާނުގެ ޢިލްމު އުނގެނި، މީސްތަކަށް އެއުނގަންނައިދިން މީހެކެވެ. ﷲ، އޭނާއަށް ދެއްވި ނިޢުމަތްތައް އޭނާއަށް އަންގަވައިދެއްވުމަށްފަހު، އެނިޢުމަތްތަކާއެކު އޭނާ ޢަމަލުކުރީ ކިހިނަކުންތޯ އޭނާއާ ސުވާލުކުރެވޭނެއެވެ. އެހިނދު އޭނާ ބުނާނެއެވެ. "އަހަރެން އިބަ ﷲ އަށްޓަކައި ޤުރްއާން ކިޔަވައި (އެއުނގަންނައިދީ) ހެދީމެވެ." އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ. "ތިބާ ތިހަދަނީ ދޮގެވެ. ތިބާ އެޢިލްމު ޙާސިލުކުރީ މީސްތަކުންގެ ދުލުން، ތިބާއީ މޮޅު ޢިލްމުވެރިޔެކޭ ބުނުމުގެ ބޭނުމުގައެވެ. އަދި ތިބާ ޤުރްއާން ކިޔަވައި އުޅުނީ ތިބާއަކީ (މޮޅު) ޤާރީ އެކޭ މީސްތަކުންގެ ދުލުން ބުނުމުގެ ބޭނުމުގައެވެ. އަދި ތިބާއަށް ވަނީ (ދުނިޔޭގައި އެފޮނި ބަސްތަކާއި މަޝްހޫރުކަން) ލިބިފައެވެ." (އެހެނީ އޭނާ ޢިލްމު ޙާޞިލު ކުރުމަށްފަހު ﷲ އޭނާއަށްދެއްވި ޢިލްމުގެ ބޭނުން އޭނާ ހިފީ މީސްތަކުންގެ ތެރޭގައިވާ މަޝްހޫރު މީހަކަށް ވުމަށެވެ.)

ދެން ގެނެވޭހުށީ އެމީހަކަށް ﷲ މުއްސަނދިކަން ދެއްވައި ހުރިހާ ވައްތަރެއްގެ މުދާ އެމީހަކަށް ދެއްވި މީހެކެވެ. ﷲ، އޭނާއަށް ދެއްވި ނިޢުމަތްތައް އޭނާއަށް އަންގަވައިދެއްވުމަށްފަހު، އެނިޢުމަތްތަކާއެކު އޭނާ ޢަމަލުކުރީ ކިހިނަކުންތޯ އޭނާއާ ސުވާލުކުރެވޭނެއެވެ. އެހިނދު އޭނާ ބުނާނެއެވެ.

"މުދަލުން ހޭދަކުރުމުގައި އިބަ އިލާހު ލޯބިވޮޑިގަންނަވާނޭ މަގެއްވިޔާ އެކަމެއް ދޫނުކޮށް އަހަރެން އިބަ ﷲ އަށްޓަކައި މުދަލުން ހޭދަކުރީމެވެ." ދެން ﷲ ވަޙީ ކުރައްވާނެތެވެ. "ތިބާ ތިހަދަނީ ދޮގެވެ. ތިބާ އެމުދަލުން ހޭދަކުރީ މީސްތަކުންގެ ދުލުން، ތިބާއީ ދީލަތި މީހެކޭ ބުނުމުގެ ބޭނުމުގައެވެ. ފަހެ ދުނިޔޭގައި ތިބާޔާމެދު މީސްތަކުން އެފަދައިން ބުނެއުޅުނެވެ." އެހިނދު މޫނުވަތަށް ދަމާ ގެންގޮސް ނަރަކައަށް އޭނާ އެއްލާލުމަށް އަމުރުކުރެވޭނެއެވެ.

(ރިފަރެންސް: ޞަޙީޙް މުސްލިމް (1905))

ސުބުޙާނަﷲ! މީސްތަކުންނަށް ދީން އުނގަންނަވައިދެއްވުމުގައި އޭނާގެ ވަގުތުތައް ހޭދަކުރި މީހަކާއި، ޙާޖަތަށް ޖެހިފައިވާ މީހުންނަށް މުދަލުން ހޭދަކުރުމުގައި އޭނާގެ މުދާ ބޭނުންކުރި މީހަކާއި ހަނގުރާމަކުރުމުގައި އޭނާގެ ހަށިގަނޑުގެ ބޭނުންކޮށް ޝަހީދުވެގެންދިޔަ މީހަކު މިވީ އެންމެ ފުރަތަމަ ނަރަކައަށް އެއްލާލެވޭ މީހުންގެ ތެރެއިންނެވެ. މިއެންމެންވެސް ކުރަމުން އައީ ނުލާހިކު ހެޔޮ ޢަލަމު ތަކެކެވެ. އެ އަމަލުތަކަށް މިއުންމަތް ފެން ބޮވައިގެންފައިވާ ޢަމަލު ތަކެކެވެ. އޭގެ ސަބަބުން ހެޔޮކަންތަކަށް އަމުރު ކުރެވި މުންކަރާތްތަށް ނަހީ ވެގެންދާނޭ ޢަމަލު ތަކެކެވެ. ވީއިރު މިބައި މީހުންނަށް ޤިޔާމަތްދުވަހުން މިފަދަ ޙާލެއްގައި ޖެހެނީ ކޮން ސަބަބަކާހުރެތޯއެވެ؟ އާދެ ވަރަށް ކުޑަކުޑަ އެހެނަސް މީހާ ކުރާ އެންމެހާ ޢަމަލެއް އޭގެމައްޗަށް ބިނާވެގެންވާ ކަމަކާ ހުރެއެވެ. އެއީ ނިޔަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ:

މާނަ: "ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ." (ޞަޙީޙް މުސްލިމް (1907))

ކިތަންމެ ހެޔޮ އަމަލެއް ކުރި ކަމުގައި ވީނަމަވެސް ނިޔަތް ފާސިޤުވެއްޖެނެމަ، އެޢަމަލެއް ފާސިޤުވެގެންދާހުއްޓެވެ. ވީމާ ނިޔަތާމެދު އަހަރެމެން ސަމާލުވާން ޖެހެއެވެ. ނަމަވެސް، މިޙަދީޘްގެ ބޭނުންކޮށް މީސްތަކުންނަށް ޙުކުމުޖަހައި، މީނާއީ މަޝްހޫރުކަމާއި ޒާތީ މިވެނި މަންފާއެއް ހޯދުމަށްޓަކައި ޢިލްމު އުގަންނައިދޭ މީހެކޭ ނުވަތަ މީނާ މުދަލުން ހޭދަކުރަނީ ކަންދެއްކުމަށޭ ނުވަތަ މީނާ ހަނގުރާމަކުރަނީ ފޮނިކަނޑާށޭ، މިފަދަ ގޮތްގޮތަށް ބުނުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ. ސަބަބަކީ އެމީހެއްގެ ހިތުގައިވާ އެއްޗެއް އެނގޭނީ އެމީހަކަށާއި ﷲ އަށެވެ. އަމިއްލައަށް ހީވާ ހީވުމަކަށް މީސްތަކުންނަށް ޙުކުމް ޖަހައި ދެބައޮޑުވައި އެބައިމީހުންގެ މުޅަ މަސްތަށް ކާން ފަށައިފިނަމަ، އަޅުގަޑުމެންގެ ހެޔޮޢަމަލުތަށް އެބައިމީހުންނަށް ބަހަން ޖެހިދާނެއެވެ.

އެއްދުވަހަކު ހަނގުރާމައިގައި ޞަޙާބީއަކު އޭނާގެ ދުޝްމަނަކާ ދިމާލަށް ކަނޑި ހޫރާލައި އޭނާ ޤަތުލު ކޮށްލަން އުޅުނު ހިނދު ދުޝްމަނު މީހާ ޝަހާދަތް ކިޔައި ތިމަންނާއީ މުސްލިމެއްކަން ބަޔާން ކުރިއެވެ. ނަމަވެސް އެ ޞަޙާބީއަށް ވިސްނުނީ މަރަށް ބިރުން އޭނާ އޮޅުވާލުމަށް ޓަކައި ޝަހާދަތްކީ ކަމަށްވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަށް މިކަން އެނގުނު ހިދު އެމަރުވި މީހާޔާމެދު އެކަލޭގެފާނު ހިތާމަކުރައްވައި ޞަޙާބީ ކުރެއްވި ޢަމަލާމެދު ނުރުހުންތެރިކަން ފާޅުކުރެއްވިއެވެ. އެހިނދު ޞަޙާބީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަށް ދެންނެވިއެވެ. އޭނާ ޝަހާދަތްކީ ތިމަން، އޭނާމަރާލަފާނެކަމަށް ބިރުންނެވެ. (އެއްވެސް ޙާލެއްގައި ހިތުގެ އިޚްލާސްތެރިކަމާ އެކީގައެއްނޫނެވެ.) އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަށް ޙަދީޘްކުރައްވައި ސުވާލު ކުރެއްވިއެވެ. ތިބާ އޭނާގެ މޭފަޅައި ހިތްނަގައި، އެހިތުގައިވާ އެއްޗެއް ބަލައި ކަށަވަރުކުރިންތޯއެވެ؟ (ރިފަރެންސް: ބައްލަވާ: ޞަޙީޙް މުސްލިމް (1905))

ވީމާ އަޅުގަނޑުމެން އަބަދުވެސް ސަމާލުކަންދޭން ޖެހޭ ދެކަމެއް މިނަބަވީ އިރުޝާދުތަކުން ފާހަގަވެގެން ހިނގައްޖެއެވެ. އެއްކަމަކީ، ޢަމަލެއް ކުރާނަމަ، ނިޔަތް ޚާލިޞް ކުރުމެވެ. ދެއްކުންތެރިކަމެއް ނެތި ﷲއަށް ޓަކައި އެޢަމަލެއް އަދާ ކުރުމެވެ. ދެވަނަކަމަކީ މީސްތަކުންގެ ނިޔަތާމެދު ސުވާލު އުފެއްދުމާއި އެބައިމީހުންނަށް ޙުކުމް ކުރުމުން ދުރުހެލިވުމެވެ.

މިއާ ގުޅިގެން އަންނަނީ އަދި ވަރަށް މުހިންމު ކަމެކެވެ. މީސްތަކުންނާ މެދު ހެޔޮކޮށް ހީކުރުމެވެ. ނުބައިކޮށް ހީނުކުރުމެވެ. ތިމާއަށް ނޭގޭ ވަރަށް މުހިންމު ސަބަބަކާ ހުރެވެސް މީހަކު ނުރަނގަޅު ކަމަށް ފެންނަ ކަމެއް ކޮށްފާނެއެވެ. މިސާލަކަށް ދަރިވަރަކު، އޭނާ ކާންފެށި ބޭހެއްގެ ސަބަބުން ކުލާހުގެ އެންމެ ފުރަތަމަ ގަޑީގަ ގަދައަށް ނިދާފާނެއެވެ. ނިދާތަން ފެނުމުން ގޮސް ދަރިފުޅު ކުށްވެރިކޮށް ވާހަކަދެއްކުމުގެ ކުރިން ދަރިވަރާ ވާހަކަދައްކާލައިގެން ވެގެން އުޅޭގޮތް ސާފު ކޮށްލާނީއެވެ. ތަންކޮޅެއް ބޮޑު މިސާލަކަށް ބަލާނަމަ، މީހަކު ބުދަކަށް ސަޖިދަ ކުރާތަން ފެނުނަސް އެވެނި މީހަކު ބުދަށް އަޅުކަން ކުރަނީ އޭ ގޮވައި ނަހަދާށެވެ. ފަހަރެއްގައި އޭނާއަކީ ތިބާއަށްވުރެ އީމާންކަން ވަރުގަދަ މީހަކަށް ވެފައި މަޖުބޫރީ ޙާލަތުގައި ބުދަށް ސަޖިދަ ޖެހި މީހަކަށްވެސް ވެދާނެއެވެ. އެފަދަ މީހާ ކާފަރު ނުވާނެކަން ބަޔާން ކުރައްވައި ﷲ ވަޙީ ކުރައްވާފައި ވެއެވެ.

مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ ﴿سورة النحل-106﴾

މާނަ: "އެމީހަކު އީމާންވުމަށްފަހު އަދި އެމީހާގެ ހިތް އީމާންކަމަށް ހަމަޖެހި މައިތިރިވެގެންވާ ޙާލު، މަޖުބޫރު ކުރެވިގެން ﷲ އަށް ކާފަރުވާފަދަކަމެއް ކުރެވިއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހާ ބުނާބަހަކުން އަދި ކަމަކުން އެމީހާގެ މައްޗަށް ފާފައެއްނެތެވެ. އަދި އެހެންނަމަވެސް އެމީހެއްގެ ހިތް ކާފަރުކަމަށް ތަނަވަސްވެ ގަސްދުގައި ކުފުރުގެ ބަސްބުނުމުން ނުވަތަ ކާފަރުވާފަދަ ކަންތައް ކުރުމުން އެމީހުންގެ މައްޗަށް ﷲ ގެ ކޯފާ ވެއެވެ. އަދި އެމީހުންނަށް އާޚިރަތް ދުވަހުން ހުރީ ބޮޑުވެގެންވާ ޢާޛާބެވެ."

ވީމާ މައްސަލަތައް މަދު، ހަމަޖެހޭ މުޖުތަމަޢާކަށް މިމުޖުތަމަޢު ހަދަން ބޭނުންވާނަމަ، މީސްތަކުންނާ އެކު އުޅޭއިރު އަބަދުވެސް މި ތިން ކަންތަށް ހިތުގައި ބަހައްޓައިގެން އުޅޭށެވެ.

  1. ކުރާ ކަންކަމުގައި އިޚްތާސްތެރިވުން. (ނިޔަތް ޚާލިސް ކުރުން)
  2. މީސްތަކުންގެ ނިޔަތާމެދު ސުވާލު އުފެއްދުމާއި އެބައިމީހުންނަށް ޙުކުމް ކުރުމުން ދުރުހެލިވުން.
  3. މީސްތަކުންނާ މެދު ރަނގަޅަށް ވިސްނުން.