މުވައްޒަފުން ނެތްކަމަށް ބުނެ ހދ. މަކުނުދޫގެ އެއް މިސްކިތުގައި އިއްޔެ ހުކުރު ނަމާދު ނުކުރުމުން، އެރަށު ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މަކުނުދޫ ކައުންސިލުން އިއްޔެ ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގައި ކަމަށެވެ. ސަބަބަކީ، މިސްކިތްތައް ބެލެހެއްޓޭ ވަރަށް މުވައްޒަފުން ނެތުން ކަމަށެވެ.

Ad
rt

''މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން މިއަދު ހުކުރު ނަމާދު ކުރުން އޮންނާނީ، ހަމައެކަނި ތަޤްވާ މިސްކިތުގައި ކަމުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދެންނެވިން''

މަކުނުދޫ ކައުންސިލުން އިއްޔެ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

މިކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިސްކިތު މަސައްކަތު މީހުން ބޭނުންވާކަމަށާއި ހަމަ އެގޮތައް އެދާއިރާގެ 3 ރަށުގައި ވެސް އެމައްސަލަ ދިމާވެފައިވާކަމަށެވެ.

ދާއިރާގެ އަނެ 2 ރަށް ކަމުގައިވާ ކުމުންދޫ، ނޭކުރަންދޫ ގައި ވެސް މިސްކިތްތަކަށް މަސައްކަތު މީހުން ބޭނުންވޭ، އެކަމަކު އެ ދެރަށު ކައުންސިލްއިން ދަނީ ސްޓާފުން ލިބެންދެން އެކަންކަން ވަރަށް ބޮޑަށް މެނޭޖް ކުރަމުން.

އެކަމާ އަޅުވާފައި މަކުނުދޫ ކައުންސިލްގެ ޒިއްމާދާރު ކަމާއި މެދު ސުވާލު އުފައްދާކަން ހާމަ ކުރަމުން ރާއީ ވިދާޅުވެފައިވެއެވެ.

ރާޢީ ފޭސްބުކްގައި ކުރެއްވި ދިގު ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންނާއި އަދި ސަރުކާރުގެ މިނިސްޓްރީތަކާއި ގުޅިފައިވާ ކަންތައްތަކުގައި މިހާރަށް ވުރެ ބޮޑަށް މަކުނުދޫ ކައުންސިލް ޒިއްމާދާރުވާން ޖެހޭކަމަށެވެ.

މިމައްސަލަ ހައްލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައި ވާނެކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީންވެސް ޖަވާބު ދެއްވާފައިވާކަމަށްވެސް ރާޢީ ވިދާޅުވި އެވެ.

ބަރާބަރަށް މުސާރަ ނަގާ، އެކަމު ތިމާމެންގެ ޒިއްމާ އަދާ ނުކޮށް ސަރުކާރަށް ޖެއްސުމަށް ހުކުރު ކުރުން މެދުކެނޑުން މިއީ ބަލައިގަނެވޭ ނެ ކަމެއްނޫން ! މިކަހަލަ ކައުންސިލެއް މިރާއްޖޭގައި ވެސްނެތް! ކަންކަން ކުރަން އެނގޭ އިދާރީ ހިންގުން ރަގަޅު ކައުންސިލްތަކަށް ބަރާބަރަށް ކަންކަން ވަމުންދޭ. މަކުނުދޫ ކައުންސިލް އިދާރާ ވަނީ ވަރަށް ބޮޑަށް ފެއިލް ވެފައި!

މިކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން މަކުނުދޫއަށް ނިސްބަތްވާ ޒުވާން ކަންބަލަކު ފޭސްބުކްގައި ބުނެފައިވެއެވެ.

މަކުނުދޫގައި ''މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން'' އެއް މިސްކިތުގައި ހުކުރު ނަމާދު ކޮށްފައިވާތީ ތިލަދުންއިން ކުރި ސުވާލެއްގެ ޖަވާބުގައި މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ވިދާޅުވީ، އެ މިސްކިތް ބަލަހައްޓަން ތިބެނީ ދެ މުވައްޒަފަކު ކަމަށެވެ.

''އެތަނުން އެކަކު ހުރީ ޗުއްޓީގައި، އަނެއް މުވައްޒަފު ކުއްލި ކަމެއް ދިމާވެގެން މަސައކަތު ނުކުމެވޭ ގޮތްނުވީ، އެހެންވެ އެ މިސްކިތް ހުކުރު ނަމާދަށް ސާފުކޮށް، ތައްޔާރު ނުކުރެވޭނެތީ އެގޮތަށް ނިންމީ''

ސާމީ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/49580

މަކުނުދޫގައި ހުކުރު ނަމާދު ކުރަމުން އަންނަނީ ދެ މިސްކިތެއްގައެވެ. އޭގެ ތެރެއިން މިސްކިތަކީ އިއްޔެ ހުކުރު ކުރި މަސްޖިދުލް ތަޤްވާއެވެ. އަނެއް މިސްކިތަކީ އިއްޔެ ހުކުރު ކުރެވޭގޮތް ނުވި ސިއްދީގު މިސްކިތެވެ.

ހދ. މަކުނުދޫއަކީ އާބާދީގައި 1774 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.